ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި މީހުންނާއި ޓާޓާ ފްލެޓްތަކަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުނު މީހުންގެ ތެރެއިން ބަދަލު ހޯދަން 170 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދެއްކި މީހުންގެ ތެރެއިން 105 މީހަކު އަދި ޓާޓާ ފްލެޓު ލިބުނު ނަމަވެސް އެތަނަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުނު މީހުންގެ ތެރެއިން 73 މީހަކު، ބަދަލު ހޯދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިޑްގެ ފްލެޓަށް ހޮވުނު ނަމަވެސް އެތަނަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ދެ ގޮތެއް ސަރުކާރުން ހުށަހެޅި އެވެ. ފުރަތަމަ ގޮތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ފެށި ހިޔާ މަޝްރޫއުގެ 6،720 ފްލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓެކެވެ. ދެ ވަނަ ގޮތަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރާ 1،700 ފްލެޓުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓެކެވެ.
ގުޅިފަޅުން ފްލެޓު ހޯދަން ފައިސާ ދެއްކި 105 މީހުންގެ ތެރެއިން ގިނަ މީހުން އިހުތިޔާރުކުރީ މި ސަރުކާރުން އަޅާ ތިން ކޮޓަރީގެ ފްލެޓެވެ. އެ ފްލެޓު ބޭނުންވާ ކަމަށް 93 މީހަކު އަދި ހިޔާ ފްރޮޖެކްޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓް ބޭނުންވެގެން 12 މީހަކު ސޮއިކުރި އެވެ.