ޓޫރިޒަމް މިނިސްޓަރުކަމަށް ޢައްޔަންކުރެއްވި ޑރ.ޢަބްދުﷲ މަޢުޞޫމް މަޤާމުން އިސްތިއުފާދެއްވުމަށްފަހު އަލުން މަޤާމުގެ ހުވާކުރެއްވުމުން ރުހުންދިނުމަށް ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ޑރ.ޢަބްދުﷲ މަޢުޞޫމް މިނިސްޓަރުކަމުގެ ހުވާ އަލުން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ލަފާއަރުއްވާގޮތަށް ރައްޔިތުން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ފާސްކުރީ އޯގަސްޓުމަހުގެ 26 ވަނަ ދުވަހުގައެވެ. ކޮމިޓީން މި ގޮތަށް ނިންމެވީ ޑރ.ޢަބްދުﷲ މަޢުޞޫމް މިނިސްޓަރުކަމުގެ ހުވާ ކުރެއްވީ ޤާނޫނުއަސާސީއާއި ޚިލާފަށްކަމަށް ބުނެ މަޖިލީހުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ.
މި ގޮތުން ޑރ.މަޢުޞޫމަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި ވާހަކަދެއްކެވި ބައެއް މެންބަރުން ވަނީ ޑރ.މަޢުޞޫމަކީ އަމިއްލަ ކުންފުންޏެއް ހިންގެވުމުގައި ހުންނެވި ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.
މި ގޮތުން މި ހަފުތާގެ އަންގާރަ ދުވަހު ޑރ.މަޢުޞޫމް ވަނީ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުން އިސްތިއުފާދެއްވައި އަލުން މަޤާމާއި ހަވާލުވެވަޑައިގެންފައެވެ.
ޑރ.މަޢުސޫމަށް ރުހުންދިނުމުގެ މައްސަލަ ރައީސް ޞާލިޙް އަލުން މަޖިލީހަށް ފޮނުއްވެވުމާއެކު މިދިޔަ ހޯމަދުވަހު އެ މައްސަލަ ވަނީ ރިޔާސަތުން މަޖިލީހަށް އިއްވަވައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ.މި ގޮތުން ހޯމަދުވަހު އެ ކޮމިޓީން ވަނީ ޑރ.މައުސޫމަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓަރަށް ޢައްޔަންކުރެއްވި ޑރ.މަޢުޞޫމް މީގެ ކުރިން ހުންނެވީ ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަޤާމުގައެވެ. ޓޫރިޒަމް މިނިސްޓަރުކަމަށް ޑރ.މަޢުޞޫމް ޢައްޔަންކުރެއްވީ މިނިސްޓަތުކަމުގެ މަޤާމުގައި މީގެކުރިން ހުންނެވި ޢަލީ ވަޙީދަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްކުރެވިފައިވާ ދަނޑިވަޅެއްގައެވެ.