ކޮވިޑް-19 އިގެ އާލަސްކަންފުޅާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތުރުކުރައްވާފައިވާ “މާޖެހި ޕިޖާމާ“ އަކީ އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ހެދުންކޮޅެއްކަމަށް ބުނެ ވާހަކަދެއްކި މީހަކަށް ރައީސް މައުމޫން އެ ކަން ސާފުކޮށްދެއްވަވައިފިއެވެ.
ޓްވިޓަރގައި “ޒީނަތު ނޫރައްދީން“ ކިޔާ މީހަކު ބުނީ ލޯތްބަކީ އިމެއް އޮތް އެއްޗެއްނޫންކަމަށެވެ. މި ގޮތުން ނަސްރީނާ އިބްރާހިމްއާއި ވަކިން އޮންނަވަން ރައީސް މައުމޫން ބޭނުންފުޅުނުވާކަމަށާއި އެހެންކަމުން ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އެ މަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށް އަރިހުގައި ނުތިއްބެވޭނެތީ ޢާއިލާއާއި ވަކިވެވަޑައިނުގަތުމަށްޓަކައި ނަސްރީނާގެ ހެދުންކޮޅެއް ތުރުކުރެއްވީކަމަށެވެ. އަދި އެކަމުން ދޭހަކޮށްދެނީ އަނބިކަނބަލުން ނަސްރީނާދެކެ ރައީސް މައުމޫނު ވެވަޑައިގަންނަވާ ލޯބީގެ ފުރިހަމަ ލިސާނެއްކަމަށް ވެސް ޒީނަތު ބުނެފައިވެއެވެ.
ޒީނަތުގެ މި ޓްވީޓަށް ދެއްވި ރައްދުގައި ރައީސް މައުމޫންވަނީ ޒީނަތުގެ ރީތި ބަސްތަކަށް ޝުކުރުއަދާކުރައްވާ ކަމަށާއި ނަމަވެސް އެ ފޮޓޯއިން ފެންނަނީ އަމިއްލަފުޅު ޕިޖާމާއެއްކަމަށް ވިދާޅުވެފައެވެ.
މާޖެހި ޕިޖާމާއެއް ތުރުކުރައްވައިގެން ހޮސްޕިޓަލުގެ އެނދުގައި ރައީސް މައުމޫން އޮންނެވި ފޮޓޯއެއް މީސްމީޑިއާގައި ދައުރުވެފައިވަނީ މި ހުސްވިމަހުގެ 25 ވަނަދުވަހުގެރޭ އެމަނިކުފާނު އެޑްމިޓްކުރުމާއި ގުޅިގެންނެވެ.