އިންޑިއާގެ އެންމެ މަގުބޫލު ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޔާޝްރާޖް ފިލްމްސްއަށް ބައިގަރުނު މިމަހު ފުރޭ މުނާސަބަތާއި ގުޅުވައިގެން އެކުންފުނުން ފިލްމު ފެސްޓިވަލް ތަކެއް ބާއްވަން ނިންމާފިއެވެ.
އެ ސްޓޫޑިއޯ އަށް 50 އަހަރު ފުރުމުގެ މުނާސަބަތުތަށް ވަނީ ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފައެވެ. އަދި އެހަރަކާތްތަށް ފެށިގެން ދާނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށާއި، އެދުވަހަކީ ވައިއާރްއެފްގެ ބާނީ ޔާޝް ޗޯޕްޅާގެ 88 ވަނަ އުފަން ދުވަހެވެ. ޔާޝް ޗޯޕްޅާ މަރުވެފައިވަނީ 2012 ވަނަ އަހަރުއެވެ.
އެކުންފުންޏަށް ބައިގަރުނު ފުރުމާ ދިމާކޮށް ފިލްމު ފެސްޓިވަލްތައް ބާއްވަން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ހިންދީ ފިލްމުތަކަށް އަބަދު ވެސް ބޮޑު މާކެޓެއް އޮންނަ އިނގިރޭސިވިލާތާއި އެމެރިކާ އާއި ރަޝިއާ އާއި އޮސްޓްރޭލިއާ އާއި މެލެޝިއާ ފަދަ ގައުމުތައް ހިމެނެ އެވެ. އަދި އެ ފެސްޓިވަލްތަކުގައި ޔާޝްގެ އައިކޮނިކް ފިލްމުތަކުގެ އިތުރުން ވައިއާރްއެފުން ގެނެސްދިން ކާމިޔާބު ގިނަ ފިލްމުތަކެއް ދައްކާނެ އެވެ.
50 އަހަރު ފުރުމުގެ ހަފްލާތަކުގެ ތެރެއިން އެންމެ އަލިގަދަކޮށް ކުރިއަށް ގެންދަން ނިންމާފައިވަނީ އ ސްޓޫޑިއޯގެ އާ ލޯގޯ ދައްކައިލުމާ އެކު، ބޮޑެތި ގިނަ ފިލްމުތަކެއް އިއުލާންކުރުން ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
އޭގެ ތެރޭގައި ޝާހްރުކް ޚާނާއި ސަލްމާން ޚާނާއި މުޅިން އަލަށް ވައިއާރްއެފްގެ ފިލްމުތަކުން ފެންނާނެ ކަމަށް ބެލެވޭ އަޖޭ ދޭވްގަން އާއި ޒުވާން އެކްޓަރު ވިކީ ކޯޝަލް ކުޅޭ ފިލްމެއް ވެސް ހިމެނެ އެވެ.