އަލަށް ފަށާ ވިޔަފާރިތަކަށް ޤާނޫނުން ލުއި ދީގެން، ވިޔަފާރީގެ ބާޒާރުގައި އަންހެނުންގެ ހިއްސާ ބޮޑުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ހުއްދަތައް ނުނަގައި ރަޖިސްޓަރީ ނުކޮށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ޚިދުމަތް ގަވައިދާ ހިލާފަށް ދޭނަމަ ފިޔަވަޅު އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނިންމައި އެކަން އިޢުލާނު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދެކެވޭ އެކި ވާހަކަތަކާ ގުޅުވައިގެން މޫސަ މިހެން ކުރި ޓުވީޓެއްގައެވެ.
މުޅި ދުނިޔޭގެ އިޤްތިޞާދަށް ކޯވިޑް-19ގެ ސަބަބުން ލޮޅުން އަރައި އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ވަނީ ކޮށްފައެވެ. މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ގިނަ ދިވެހިން ވަނީ އޮންލައިން ޕްލެޓްފޯމުތަކުގައި ކާބޯތަކެތީގެ ވިޔަފާރި ކުރަން ފަށައިފައެވެ.
މީގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ހިމެނޭ އިރު، ހުއްދަތައް ނުނަގައި ގަވައިދާ ހިލާފަށް ރަޖިސްޓަރީ ނުކޮށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭނަމަ ފިޔަވަޅު އަޅަން އެޗްޕީއޭއިން ނިންމި ނިންމުމާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެކަމާއި ގުޅިގެން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މިސް މީޑިއާގައި ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި އެޗްޕީއޭގެ ނިންމުމަކީ ބޮޑެތި ރެސްޓޯރަންޓުތަކުގެ ވިޔަފާރިއަށް ގެއްލުން ވާނެ ކަމުގެ ބިރާއި ވިޔަފާރީގައި ވާދަވެރިކަން ކުޑަކުރުމަށް ސަރުކާރަށް ބާރު އަޅައިގެން ނިންމާފައިވާ ނިންމުމެއް ކަމަށް ބައެއް ފަރާތްަކުން ދެކެއެވެ.