ފުލުހުންގެ އަމިއްލަ ނަފްސަށް ވުރެ އަދި އަމިއްލަ މަސްލަހަތަށްވުރެ މުއައްސަސާގެ މަސްލަހަތާއި ލޯބި އިސްކުރެވިގެން މެނުވީ މުއައްސަސާގެ ޙަޤީޤީ ދަރިއަކަށްވުމުގެ ސިފަ ފުރިހަމަނުވާނެކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވީ ފުލުހުންގެ 87 ވަނަ އަހަރީ ދުވަހާއި ގުޅިގެން މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އިސްކަންދަރު ބިލްޑިންގްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮންމެ އިންސާނީ މުޖުތަމަޢުއެއް ބިނާވެފައި އޮންނަ ޚާއްސަ އަސާސް ބަހާތަކެއް އޮންނާނެކަމަށެވެ. އަދި
އެ އަސާސްތަކާއި ބަހާތައް ނެގެހެއްޓުމަށް ވަކި ޚާއްސަ ބަޔަކަާއި ހަވާލުކުރެވިފައިވާކަމަށާއި ރާއްޖޭގައި ނަމަ އެއީ ދިވެހި ފުލުހުންނާއި ސިފައިންކަން ފާހަގަކުރައްވައި އިމްރާން ވަނީ އެ ދެ މުއައްސަސާ ނެތި މި ޤައުމުގެ ބަހާތައް ދެމެހެއްޓިގެން ނުދާނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވިގޮތުގައި މިނިވަންކަމާއެކު ދެމިއޮންނަ ކޮންމެ މުޖުތަމަޢުއެއްގެ އަސާސީ އެއް ސިފައަކީ ވަޠަން ދެކެ ލޯބިވުންކަމަށެވެ. އަދި ފުލުހުންނަކީ އަމިއްލަ ނަފްސަށްވުރެ ނުވަތަ އަމިއްލަ މަސްލަހަތަށްވުރެ މުއައްސަސާގެ މަސްލަހަތާއި ލޯބި އިސްކުރާ ބަޔަކަށްވެގެން ނޫނީ މުއައްސަސާގެ ޙަޤީޤީ ދަރިއަކަށްވުމުގެ ސިފަ ފުރިހަމަ ނުވާނެކަން ފާހަގަކުރައްވަމުން އިމްރާން ވަނީ މިފަދަ މުއައްސަސާއެއްގައި މަސައްކަތްކުރާ ކޮންމެ ފަރުދެއްގެ ކިބައިގައި އެ ސިފަ އިސްވާނެކަމަށް ވިދާޅުވެފައެވެ. މި ގޮތުން އެ މުއައްސަސާތަކަށް ޤައުމީ ނުވަތަ ވަޠަނީ މުއައްސަސާތަކޭ ކިޔަނީ އެހެންވެކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުއައްސަސާގައި 25 އަހަރު ނުވަތަ 20 އަހަރު ހޭދަކުރެއްވުމަކީ ބޮޑުކަމެއްކަމަށެވެ. މި ގޮތުން އެ ޚިދުމަތުގެ އަގު ވަޒަންކުރަންޖޭކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.