ރައްޔިތުން “ގުނބޯހައްދައިގެން“ ސަރުކާރާއި “ތޮޅެން“ ނޫޅުމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު, އިދިކޮޅު ކޯލިޝަނަށް
ބަހުގެ ވަރުގަދަ ހަމަލާއެއް ރައްދުކުރައްވައިފިއެވެ.
ރައީސް ޞާލިޙްގެ ސަރުކާރަށް ތާއިދުކުރާކަން ހާމަކުރައްވައި ސަޢުދު ކުރެއްވި ޓްވީޓެއްގައި ވަނީ ޖުމްހޫރީ ޕާޓީން އޮތީ ރައީސް ޞާލިޙާއި އެ މަނިކުފާނުގެ ސަރުކާރާއެކީގައި ވަރަށް ސާބިތުކަމާއެކުގައިކަމަށް ވިދާޅުވެފައެވެ.
މީގެ އިތުުރުން ސަޢުދު ވަނީ ކޮވިޑްގެ މި ދަނޑިވަޅުގައި ރައްޔިތުން “ގުނބޯހައްދައިގެން“ ސަރުކާރާއި “ތޮޅެން“ ނޫޅުމަށާއި ޤައުމުދެކެ ލޯބިވާ އެއްވެސް ބަޔަކު މި ހާލަތުގައި ސިޔާސީ މަންފާއެއް ހާސިލުކުރަން ނޫޅޭނެކަމަށާއި ޤައުމު ހަލަބޮލިކުރަން ނޫޅޭނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިޤުތިޞާދަށް މިހާރު ކުރިމަތިވެފައިވާ ދަތި އުނދަގޫ ހާލަތުގެ ނާޖާއިޒު ފައިދާ އެއްވެސް ފަރާތަކުން ނުނެގުމަށް ވެސް ސަޢުދު ވަނީ ގޮވާލައްވާފައެވެ.
ސަޢުދު މިހެން ވިދާޅުވީ ޤައުމު ވިއްކާލަނީކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން މުޒާހަރާކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހަމައެއާއެކު “އިންޑިއާ އައުޓް“ ގެ ނަމުގައި މީސްމީޑިއާގައި ވަނީ ކެމްޕޭނެއް ވެސް ފަށާފައެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން އަންނަނީ އެކި ކަންކަމުގައި ރައީސް ޞާލިޙްގެ ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަމަވެސް ރައީސް ޞާލިޙްގެ “ރަޙްމަތްތެރިޔާ“ އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިދިކޮޅުން ކުރާ ތުހުމަތުތައް ދޮގުކުރައްވައި އިދިކޮޅުން މި ސަރުކާރުގެ ބޮލުގައި އިލްޒާމު އަޅުވަނީކަމަށް ވިދާޅުވެފައެވެ.