ޅ. ކުރެންދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.
އެމީހާއަކީ މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އެމީހާ ފައްސިވި ކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުގެ ނަތީޖާ ބައްޔަށް ފައްސިވުމުންނެވެ. ފައްސިވި މީހާ އަކީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް އެޗްޕީއޭއިން ވަނީ މައުލޫމާތު ދީފައެވެ.
މީގެ އިތުރުން މިއަދު ލ.ފޮނަދޫ ގައު ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކުވެސް ވަނީ ބައްޔަށް ފައްސިވެފައެވެ. އެމީހާ އަކީ ވެސް މާލެ އިން ރަށަށް ދިއުމަށްފަހު ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އަދި އެމީހާވެސް ފައްސިވިކަން އެގުނީ ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުގެ ނަތީޖާ ފައްސިވުމުންނެވެ.
ފަހަކަށް އައިސް މާލެއިން ރަށަށް ދިއުމަށްފަހު ހޯމް ކަރަންޓީނުވާ މީހުންގެ ތެރެއިން ގިނަބަޔަކު އަންނަނީ ކޯވިޑް 19 އަށް ފައްސިވަމުން ކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ 40 ރަށަކުންނާއި، 16 ރިސޯޓަކުން ކޮވިޑް-19 މިހާތަނަށް ފެނިފައިވެއެވެ. މީގެ ތެރޭގައި ފައްސިވެފައިވާ 15 ފަތުރުވެރިއަކާއި، 33 ރިސޯޓް މުއައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި 84 ދިވެއްސަކަށާއި، 7 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުން އެބަދެއެވެ.
މިބަލީގައި މިހާތަނަށް ރާއްޖެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.