ޤައުމުގެ އިސްތިޤުލާލާއި މިނިވަންކަން ގެއްލިގެންދާއިރު އެމްޑީޕީއާއެކު ބައިއަތުހިފާފައިވާ ޕާޓީތަކުގެ ވެރިން މިއަދު އުޅުއްވަނީ ފިއްލަވައިގެންކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން މިއަދު އެދި ގޮވަނީ ސަލާމަތަށްކަމަށެވެ. ނަމަވެސް ޤައުމުގެ އިސްތިޤުލާލާއި މިނިވަންކަން ގެއްލިގެންދާއިރު އެމްޑީޕީއާއެކު ބައިއަތުހިފާފައިވާ ޕާޓީތަކުގެ ވެރިން މިއަދު އުޅުއްވަނީ ފިއްލަވައިގެން އަތްޖަހަޖަހާ ސާބަހޭ ގޮވަގޮވާކަމަށެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ ވެރިން އިންތިޚާބުކުރަނީ ރައްޔިތުންކަމަށާއި މިއަދު މިހެންވަމުންދާއިރު ރައްޔިތުން މިދުވަސް މަތިން ހަނދާނެއް ނުނެތޭނެކަމަށެވެ.
ހަމައެއާއެކު ޝުޖާއު އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ރައްޔިތުން ތަހައްމަލުކުރަމުންގެންދާ ހިތްދަތިކަމުގެ ޒިންމާ އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން މި ސަރުކާރު ގެނައުމަށް މަސައްކަތްކުރެއްވި ޕާޓީތަކުގެވެރިން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިއަދު ފިއްލަވައިގެން ތިއްބަވާފައި މާދަމާ ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގަތުމުގެ ވިސްނުން ނުގެންގުޅުމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނެނީ ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމްއާއި އަދާލަތު ޕާޓީއެވެ. ޝުޖާއު މިހެން ވިދާޅުވެފައިވާއިރު ގިނަބަޔަކު ވަނީ ޤައުމަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މާބޮޑު ޚަބަރެއްނުވާތީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.