ރާއްޖެއާ އޮންނަ ގުޅުން ކުޅިވަރުގެ ރޮނގުން ބަދަހި ކުރުމަށް ލަންކާއިން މަޝްވަރާކޮށްފިއެވެ.
މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން، ނަމާލް ރާޖަޕަކްސާ ދިވެހި ބަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްރީ ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު ޢަބްދުލް ރައްޒާގާ ބައްދަލުކުރައްވައި ރާއްޖެއާއި ލަންކާއާ ދެމެދު ކުޅިވަރާއި ޒުވާނުންގެ ރޮނގު ވަރުގަދަކުރުމަށްޓަކައި މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.
ލަންކާއަކީ ރާއްޖެއާކީ ވަރަށް ގާތް އެކުވެރި ޤައުމު ކަމަށް ނަމާލް ވިދާޅުވީއެވެ.“2 ޤައުމުގެ ގުޅުން ކުޅިވަރާއި ޒުވާނުންގެ ރޮނގުން އިތުރަށް ވަރުގަދަކުރުމަށްޓަކައި މަޝްވަރާކުރެވުމަކީ، ލިބުނު އުފަލެއް.“ ލަންކާގެ ޔޫތު މިނިސްޓަރުކަން ވެސް ކުރައްވާ، ނަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
އަވަށްޓެރި ސިލޯނަކީ ގިނަ ދިވެހިން ބޭސްފަރުވާގެ ކަންކަމާއި ވިޔަފާރީގެ އިތުރުން ދިރިއުޅެމުން ގެންދާ ޤައުމެއްކަން ފާހަގަ ކުރަމެވެ.