އެއްވެސް ބިދޭސީ ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭކަށް ނުޖެހޭނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު ރައީސް މައުމޫންގެ ދަރިކަލުން މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ގިނަބަޔަކު ޝަކުވާކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
މި ގޮތުން މީސްމީޑިއާގައި “އިންޑިއާ އައުޓް“ ފަދަ ޢިބާރާތްތައް ބޭނުންކޮށްގެން މީސްމީޑިއާގައި ކެމްޕޭންކޮށް އަޑުގަދަވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީއަށް ތާއީދުކުރާ މެންބަރުން ވަނީ އިންޑިޔާގެ ދިފާޢުގައި ވާހަކަދައްކަވާފައެވެ.
މިކަމާއި ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓުގައި ވަނީ ޢަލި ރަސްގެފާނާއި އުތީމު ތިން ބަދަވިންނާއި ދޮންބަންޑާރައިންނާއި ޙުސައިން އާދަމް ޝަހީދުވެވަޑައިގަތީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްކުރައްވަން ޖިހާދުކުރައްވަނިކޮށްކަން ފާހަގަކުރައްވާފައެވެ. އަދި އަބަދުވެސް ދިވެހިން ތިބޭނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކޮށް ހިމާޔަތްކުރަން ތައްޔާރވެ ޖިހާދުކޮށް ޝަހީދުވުމަށް ތައްޔާރަށްކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ. މީގެ އިތުރުން ޣައްސާނުވަނީ އެއްވެސް ބިދޭސީ ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭކަށް ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.
ޣައްސާނު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޮނުވައިލުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. މީގެ އިތުރުން ސަރުކާރުން އަންނަނީ އިންޑިއާއާއި އޮތް ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރަމުންނެވެ.