ކޮވިޑާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވަނީ އުޞޫލުގެތެރެއިންކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
ކޮވިޑާއި ގުޅިގެން އެންސްޕާއާއި އާސަންދަ ކުންފުނިން ޚަރަދުކުރިގޮތުގެ ކޮމްޕްލަޔަންސް ރިޕޯޓުގައިވާ ގޮތުން ކޮވިޑާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދިހަ މިލިއަން ސާޅީސް ނުވަހާސް ތިންސަތޭކަ ހަތްދިހައަށް ރުފިޔާ ދޫކޮށްފައިވެއެވެ.
މި ފައިސާއަކީ އިންކަމް ސަޕޯޓް އެލަވަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެތެރެއިން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ 2506 ފަރާތަށް ދޫކޮށްފައިވާ ފައިސާއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެންސްޕާއިން މި ޚަރަދުކުރީ ކޮވިޑް-19 އާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްދިނުމުގެ އުސޫލާއި ވެރިފިކޭޝަން ގައިޑްލައިން ފޯރ އިންކަމް ސަޕޯޓު ޕްރޮގުރާމާއި އެއްގޮތަށެވެ.
އިންކަމް ސަޕޯޓު އެލަވަންސްގެ ދަށުން ވަޒީފާއަދާކުރަމުން އަންނަ ފަރާތްތަކުގެތެރެއިން ނުރަނގަޅު އަސަރުކޮށްފައިވާ 2042 ފަރާތަކަށް 7،787،447 ރ. އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވެއެވެ.
މީގެ އިތުރުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެތެރެއިން ޢާމްދަނީއަަށް ނުރަނގަޅު އަސަރުކުރި 465 ފަރާތަކަށް 2،261،931 ރ. ދޫކޮށްފައިވެއެވެ.