ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި “އަލިފާން ރޯކޮށްލަން“ ގޮވައިލި މައްސަލަ ބަލާނެކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިހެން ބުނެފައިވަނީ
ޗެނަލް 13 އިން ގެނެސްދިން ޕްރޮގުރާމެއްގައި ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ރޯކޮށްލަން މީހަކު ގޮވާލާފައިވަނިކޮށް އެފަދަ މައްސަލަތައް މެދުވެރިވާއިރު ވެސް ބްރޯޑް ކާސްޓް ކޮމިޝަނުން އަޅައިނުލައި ތިބޭކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި އެ ކޮމިޝަނުން ކުރި ޓްވީޓެއްގައެވެ.
މި ގޮތުން އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ ރައީސްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވުމުގެ ސަބަބުން އެ މައްސަލަ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެ މައްސަލަ ކޮމިޝަންގެ ސަމާލުކަމަށް އައުމާއި ގުޅިގެން ކޮމިޝަނުން އެ މައްސަލަ ބަލާނެކަމަށް ވެސް ޓްވީޓުގައި ބުނެފައިވެއެވެ.
ބްރޯޑްކޮމް އިން މި މައްސަލަ ބަލާނެކަމަށް ބުނެފައިވާއިރު ފުލުހުން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ.