ޤައިދީންގެ އަސާސީ ޚިދުމަތްތަކާއި ސުލޫކީ މިންގަނޑު ބަޔާންކުރާ ޤަވާއިދު ގެޒެޓްކުރެވުމަކީ މުހިންމު މަސައްކަތެއްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
އަޙްމަދު މުޙައްމަދުފުޅު މިހެން ވިދާޅުވީ ޤައިދީންގެ އަސާސީ ޚިދުމަތްތަކާއި ސުލޫކީ މިންގަނޑު ބަޔާންކުރާ ޤަވާއިދު ސެޕްޓެމްބަރު 03 ގައި ގެޒެޓްކުރެވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓްވީޓުގައި ވަނީ ޤައިދީންގެ އަސާސީ ޚިދުމަތްތަކާއި ސުލޫކީ މިންގަނޑު ބަޔާންކުރާ ޤަވާއިދު ގެޒެޓްކުރެވުމަކީ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ވިދާޅުވީ މަންޑޭލާ ރޫލްގެ މިންގަނޑުތަކާއި އެއްގޮތަށް ޖަލުގެ ޤަވާއިދުތައް ބަދަލުކޮށް ހިންގުމަކީ މި ސަރުކާރުގެ ވަޢުދެއްކަމަށެވެ.
މި ގޮތުން މި ޤަވާއިދުތަކައް އޮފިސަރުންނާއި ޤައިދީން އަހުލުވެރިކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެކަމަށް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދަށް ބުރާސްފަތިުވަހު ޢަމަލުކުރަންފަށައި ދިވެހި ސަރުކާރުގެ ގެޒެޓާއި ކަރެކްޝަންގެ ވެބްސައިޓްގައި އެ ޤަވާއިދު ވަނީ ޝާއިޢުކޮށްފައެވެ.
ކަރެކްޝަނުން ބުނިގޮތުގައި މި ޤަވާއިދު އެކުލަވައިލުމުގެ މަޤުސަދަކީ ޖަލުގައި ހުންނަ ހުރުމުގައި، ޤައިދީންނާއި ބަންދުކޮށްފައިތިބޭ މީހުންގެ އަޚްލާޤާއި ސުލޫކާއި އުޅުމާއި ގުޅުންތައް ދަމަހައްޓަންޖެހޭ ގޮތުގެ އިތުރުން ކުރުން މަނާކަންތައްތައް ކަނޑައަޅައި އެ ފަދަ ކަންކަން އަންގައިދިނުމެވެ.