ކޮވިޑް-19 އާއި ގުޅިގެން ލ.ގަމުގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގެ އައިސީޔޫގައި އެޑްމިޓުކޮށްގެން ކުޑަކުއްޖަކަށް ފަރުވާދޭން ފަށައިފިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖްގައި ބުނީ
ހޯމް ކަރަންޓީީނުގައި ހުރުމަށްފަހު ސާމްޕަލް ނެގިއިރު ޕޮޒިޓިވްވެފައިވާ ކުޑަކުއްޖަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގެ އައިސީޔޫގައި މިއަދު އެޑްމިޓް ކުރެވިފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުން އިތުރަށް ބުނެފައިވާ ގޮތުން ހޯމް ކަރަންޓީީނުގައި ހުރުމަށްފަހު ސާމްޕަލް ނެގިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ދ.ކުޑަހުވަދޫ ކުއްޖެކެވެ. ނަމަވެސް އެ ކުއްޖާއާއި ބެހޭ އިތުރު މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ހޯމް ކަރަންޓީީނުގައި ހުރުމަށްފަހު ސާމްޕަލް ނެގިއިރު ޕޮޒިޓިވްވެފައިވާ މި ކުޑަކުއްޖާއަށް ފަރުވާދެމުން އަންނައިރު ސެޕްޓެމްބަރު 01 ވަނަ ދުވަހު ކުޑަހުވަދޫން 01 މަހުގެ ތުއްތު ކުއްޖެއްގެ އިތުރުން 03 އަހަރުގެ ކުއްޖަކު ވެސް ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑުގެ ނުރައްކާތެރިކަން އިތުރުވެ ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު 8000 އިން މައްޗަށް އަރާފައިވާއިރު ގިނަ ޢަދަދަކަށް ކުޑަކުދިން ހިމެނޭކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.