ސްރީލަންކާ ކައިރިން އަލިފާން ރޯވެފައިވާ ތެޔޮ ބޯޓު އެ ޤައުމުގެ ކަނޑުގެ އައްސޭރިން ބޭރަށް ގެންދިޔުމަށްފަހު ރޯވެފައިވާ ހުޅުގަނޑު ކޮންޓްރޯލުކޮށްފިއެވެ.
36 ގަޑިއިރުގެ ދިގު އޮޕަރޭޝަންއަކަށްފަހު، މި ތެޔޮ ބޯޓުގެ ހުޅުގަނޑު މިހާރުވަނީ އެއްކޮށް މައިތިރިކޮށްފައެވެ. ޕެނަމާއަށް ނިޞްބަތްވާ މި ބޯޓު ދަތުރުކުރަމުންއައީ 270،000 ޓަނުގެ ކުރޫޑް ތެޔޮ ހިފައިގެންނެވެ. އަދި ސްރީލަންކާގެ އައްސޭރިން ދަތުރުކުރަމުން ދަނިކޮށް ހުޅުހިފުމާއިއެކު އެ ބޯޓުންވަނީ ޑިސްޓްރެސް މެސެޖެއް ފޮނުވާފައެވެ.
އިންޑިޔާގެ ކޯސްޓްގާޑު އަދި ސްރީލަންކާގެ ނޭވީއިން މަޢުލޫމާތު ދިން ގޮތުގައި، މި ބޯޓު ވަނީ ސްރީލަންކާގެ އައްސޭރިން 60 ކިލޯމީޓަރު ދުރަށް ޓަގްކޮށްފައެވެ. 1000 ފޫޓުގެ މި ބޮޑު ތެޔޮ ބޯޓުން އެއްވެސް ވަރަކަށް ތެޔޮ ލީކު ވެފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތްކަމުގައި އިންޑިޔާގެ ކޯސްޓުގާޑުން ޚަަބަރުދެއެވެ. ސްރީލަންކާގެ ނޭވީއިން ވަނީ ކެނޑިނޭޅި ފޯމުން އަލިފާންގަނޑު ނިއްވުމަށް މަސައްކަތްކޮށް އެ މަސައްކަތް ކާމިޔާބުކޮށްފައެވެ.
މި ބޯޓުގައި އަލިފާން ރޯވާން ދިމާވެފައިވަނީ އިންޖީން ރޫމުގައި ހިނގި ގޮވުމެއްގައެވެ. އަދި މި ހާދިސާގައި ފިލިޕީންސްގެ މީހަކު ވަނީ މަރުވެފައެވެ. މި ގޮވުމާއިއެކު އެ ބޯޓުން ވަނީ ސްރީލަންކާއަށް ޑިސްޓްރެސް މެސެޖެއް ފޮނުވާފައެވެ.