ޤައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ގޮވާލައިފިއެވެ.
”ޗެނަލް 13“ ގެ ލައިވް ޕްރޮގްރާމްގައި ވާހަކަ ދެއްކި މީހަކު ރައީސް އިބްރާޙީމް މުޙއްމަދު ޞާލިހުގެ ހަށިކޮޅުގައި އަލިފާން ހުޅުޖަހަން ގޮވާލި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ޝަރީފު އެގޮތަށް ގޮވާލެއްވީ ކުރެއްވި ޓްވީޓްގައެވެ.
ސިޔާސީ ޕާޓީތަކުން ޤައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންތައްތަކަށް އެއް ގޮތަކަށް ވެސް ހިތްވަރު ނުދިނުމަށް ޝަރީފް ގޮވާލާ ކަމަށެވެ.
ރައީސްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލި މައްސަލަ ފުލުހުންގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ގެންދަވަނީ ތަހްޤީޤް ކުރަމުންނެވެ.
ޗެނަލް13ގެ ލައިވް ޝޯގެ ތެރެއިން އެމީހާގެ ދެއްކި ވާހަކަ ބްރޯޑްކާސްޓް ކުރެވިފައިވާތީ ބެލުންތެރިންގެ ކިބައިން އެކަމަކަށްޓަކައި ޓީވީ ސުޓޭޝަނުން ވަނީ މައާފަށް އެދިފައިވެއެވެ.