ރާއްޖޭގެ އިތުރު ދެސަރަޙައްދަކަށް މިއަހަރުގެ ތެރޭގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފްކުރައްވާނެ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ބަސް ހޯދައިގެން ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތްދެވޭނެ މޮޑެލްތައް ތަޢާރަފްކުރުމަށް ފުލުހުން އިސްކަން ދޭކަމަށެވެ. އެގޮތުން މިދިޔަ އަހަރު ތަޢާރަފްކުރި ނެއިބަރހުޑް ޕޮލިސްއަކީ އޭގެ ފައިދާ ވަރަށް ބޮޑަށް ފެންނަ މޮޑެލެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ނެއިބަރހުޑް ޕޮލިސް ޚިދުމަތުގެ އިތުރު ޕައިލެޓް ޕްރޮޖެކްޓެއް ރާއްޖޭގެ 2 ސަރަހައްދެއްގައި ފައްޓަވާނެކަމަށް ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވިއެވެ.
”މިއަދު އަޅުގަނޑުމެން ޤަބޫލުކޮށްގެން ހަޤީގީ މާނާގަ ރައްޔިތުންގެ ބަސް ހޯދައިގެން ރައްޔިތުންނާ ވީހާވެސް ގާތުން އަދި މިހާރުގެ ނުވަތަ ޕްރޫވަން ނުވަތަ އެކަންކަން ރަނގަޅަށް ކޮށްފިކަމަށްވާނަމަ އެދެވޭ ނަތީޖާތައް ނެރެވިގެންދާނެކަން ސާބިތުވެފައިހުރި ޕޮލީސިންގެ މޮޑެލްތައް އަޅުގަނޑުމެންވެސް ދިރާސާކޮށް އެކަންކަން ދިވެހި މާހައުލަށް ފެތޭގޮތަށް ބަށްޓަންކޮށްގެން އެކަންކަން ތަންފީޒްކުރަމުންދާތީ، މިސާލަކަށް އަޅުގަނޑު މިއިޝާރާތްކުރަނީ ނެއިބަރހުޑް ޕޮލިސިން މޮޑެލްއަކީ އަޅުގަނޑުމެން މިދިޔަ އަހަރުންފެށިގެން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މާލޭގަވެސް، ދެކުނުގަ އައްޑޫސިޓީ އަދި ފުވައްމުލަު ސިޓީގަވިޔަސް އުތުރުގަވިޔަސް އިރާދަކުރެއްވއިްޔާ އަޅުގަނޑުމެން އިތުރު ދެސަރަހައްދެއްގައި ޕައިލެޓްކޮށް ތަންފީޒްކޮށް ހިންގާނެ ކަންކަން އެއީ.“ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.
މާލެ އާއި އައްޑޫސިޓީގައި ނެއިބަރ ހުޑް ޕޮލިސްގެ ޚިދުމަތް ދެމުން އަންނައިރު ކުޅުދުއްފުށީ ސިޓީގައި ނެއިބަހުޑް ޕޮލިސްގެ ޚިދުމަތް ތަޢާރަފްކުރުމަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޚާއްޞަ ޕްރޮގްރާމެއް ހިންގާފައި ވެއެވެ. ނެއިބަހުޑް ޕޮލިސް ޚިދުމަތަކީ ރައްޔިތުންނާއި ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ފެށި ޚިދުމަތެކެވެ. އެގޮތުން ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންނާއި އެކިކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމާއި، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މި ޚިދުމަތުގެ ދަށުން ކޮންމެ ނެއިބަރހުޑެއްގައި ހުންނަ ފުލުހުންގެ އިސް އޮފިސަރުގެ ނަމާއި ފޯން ނަންބަރު އެ ސަރަހައްދެއްގައި އުޅޭ ބަޔަކާއި ޙިއްޞާ ކުރެވި، ނެއިބާރހުޑް އޮފިސަރުން މަސައްކަތް ކުރާގޮތް އާމުންނާ ޙިއްޞާ ކުރެވޭނެއެވެ.