ތަރުކާރީއާއި މޭވާ ވިއްކާ ކުދި މާރުކޭޓުތައް ރަޖިސްޓްރީނުކޮށް ހިންގާނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީން ނެރުނު ގަވާއިދުގައި ވަނީ ތަރުކާރީ އާއި މޭވާ ވިއްކާ ފަރާތްތަކުން ”ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު“ގެ ދަށުން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ހަމަކުރާ ގޮތުގައި ”ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު“ގެ ދަށުން ތަރުކާރީ ނުވަތަ މޭވާ އާންމުންނަށް ވިއްކާނަމަ އެތަނެއް ރަޖިސްޓްރީކުރަންޖެހޭނެ ކަމަށެވެ.
ރަޖިސްޓަރީނުކޮށް ހިންގާ ނަމަ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން އިންސްޕެކްޓް ކުރުމަށްފަހު، 1،0000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވެފައި ނުވާކަން އިންސްޕެކްޝަނަކުން ފާހަގަކުރެވިއްޖެ ނަމަ އެ ފަދަ ކޮންމެ ފަރާތެއް 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ ގަވައިދުގައިވެއެވެ.
ޤާނޫނުގައިވާ ގޮތުން ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ، ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށް ފަހުގައެވެ.
ތަރުކާރީއާއި މޭވާ ވިއްކާ ތަންތަނުން ރަޖިސްޓްރީކުރުމަށް ހުށައަޅަންޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށައަޅަންޖެހޭނެއެވެ.
ޖިސްޓްރީކޮށްފައިވާ ތަންތަނުގައި ޝަރުޠުތައް ފުރިހަމަވޭތޯ ބެލުމަށް އިންސްޕެކްޓް ކުރާނީ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ. ރަށެއްގައި ނަމަ ރަށު ކައުންސިލުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އެހެން އިދާރާއަކުންނެވެ.