ޚިޔާލު ފާޅުކުރުން އޮންނަން ޖެހޭނީ އިސްލާމްދީނާއި ޤާނޫނީ އިމުގެތެރޭގައިކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޔާމިނުގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ޗެނަލް 13 އިން ގެނެސްދިން ލައިވް ޕްރޮގުރާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި އަލިފާން ރޯކޮށްލަން ގޮވައިލާފައިވާ ދަނޑިވަޅެއްގައެވެ.
މި ގޮތުން ޝަހީމް ވަނީ އަނިޔާކުރުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެއްކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުނަ ޝަހީމް ވިދާޅުވީ ހުޅުޖަހާށާއި ކަރުބުރިކުރުމަށާއި ދަންޖެއްސުމަށާއި ކަނޑު ފައްތަން ގޮވުމަކީ އިސްލާމްދީނާއި ޚިލާފުކަމެއްކަމަށެވެ. އަދި އެންމެހައި މުސްލިމުން ވެސް އެފަދަ ކަންކަމުން ދުރުވާންޖެހޭނެކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ހަމައެއާއެކު ޝަހީމް ވަނީ ޚިޔާލު ފާޅުކުރުން އޮންނަން ޖެހޭނީ އިސްލާމްދީނާއި ޤާނޫނީ ތަރަހައިގެތެރޭގައިކަމަށް ވެސް ވިދާޅުވެފައެވެ.