ބ.އަތޮޅުން ފެށިގެން އައްޑު އަތޮޅުގެ ސަރަހައްދުތަކަށް އޮރެންޖް އިންޒާރުދީފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ(މެޓް އޮފީސް) އިން މިރޭ ވަނީ ބ.އަތޮޅުން ފެށިގެން އައްޑު އަތޮޅުގެ ސަރަހައްދުތަކަށް އޮރެންޖް އިންޒާރު ނެރެފައެވެ. މިރޭ 22:30 ގައި ނެރުނު މި އިންޒާރު ދިގު ދަންމައިލާފައިވަނީ މެންދަމު 02:30 އާއި ހަމައަށެވެ.
މެޓް އޮފީހުން ހާމަކުރިގޮތުގައި މި ސަރަހައްދަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައްގަދަވާނެކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން މިރޭ ކުރިން ބުނިގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުގައި ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވާނެއެވެ. މީގެ އިތުރުން އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރެވޭކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.