ކޮވިޑާއި ގުޅިގެން މީހުން ކަރަންޓީނުކޮށް އައިސޮލޭޓުކުރާ ފެސިލިޓީތަކުން ބައެއް މީހުން ނިކުމެގެން އެނބުރިދާއިރު އެކިވަރުގެ ގެއްލުންދީފައި ހުންނަކަމަށް އެޗްއީއޯސީން ބުނެފިއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ ކޮވިޑާއި ގުޅިގެން މީހުން ކަރަންޓީނުކޮށް އައިސޮލޭޓުކުރާ ފެސިލިޓީތަކުން ބައެއް މީހުން ނިކުމެގެން އެނބުރިދާއިރު ބެޑްޝީޓާއި ބާލީހާއި އަދި އެހެނިހެން ބައެއް ތަކެއްޗަށް ގެއްލުންދީފައި ހުންނަކަމަށެވެ. މި ގޮތުން ފެސިލިޓީތަކުގައި ހުންނަ ފާޚާނާތަކަށް ވެސް ގެއްލުންދީފައި ހުންނަކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ މިފަދަ ކަންކަމަށް ޤާނޫނީ ފިޔަވަޅު ތަންފީޒުކުރުމަކަށް ވިސްނަވާފައެއް ނުވާކަމަށާއި އެހެންނަމަވެސް މިފަދަ ޢަމަލުތަކަކީ ކުރުން އެދެވިގެންވާ ކަންކަމެއް ނޫންކަމަށެވެ.
މި ގޮތުން މިފަދަ ޢަމަލުތައް ނުކުރުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.