ގދ.ހޯޑެއްދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި 19 މީހުންގެ ކޮންޓެކްޓުވި މީހުން އެ ރަށުގައި ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެޗްއީއޯސީން އެދިއްޖެއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ކޮންޓެކްޓް ޓްރޭސިން ޓީމުގެ ފަރާތުން ވާހަކަދެއްކެވި އާމިނަތު އަރުޝާ ވިދާޅުވީ ހޯޑެއްދޫން ޕޮޒިޓިވްވި ދެ މީހުންނާއި އެ މީހުންގެ ކޮންޓެކްޓުންގެތެރެއިން ޕޮޒިޓިވްވެފައިވާ 19 މީހުންނާއި ކޮންޓެކްޓްވި 46 މީހަކު ފާހަގަކުރެއްވިފައިވާކަމަށެވެ.
މީގެ އިތުރުން އަރޫޝާ ވިދާޅުވީ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ބަލަމުން އަންނަނީ މާސްކު އެޅުމެއްނެތި 15 މިނެޓަށްވުރެ ގިނައިރުވަންދެން 06 ފޫޓު ކައިރިން ބައްދަލުވެފައިވާނަމައެވެ.
ހަމައެއާއެކު ޕޮޒިޓިވްވެގެން އަންނަ ކޭސްތަކަކީ ޢަލާމާތް ފެނިގެން އަންނަ ކޭސްތަކެއްކަމަށްވާނަމަ 02 ދުވަސްކުރިން ދިމާވާމީހުން ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ބަލާކަމަށެވެ.
މި ގޮތުން މިއަދު ހޯޑެއްދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި 19 މީހުންގެ ކޮންޓެކްޓުވި މީހުން ފަސްނުޖެހި މަޢުލޫމާތު ހިއްސާކުރުމަށް އަރޫޝާވަނީ އެދިލައްވާފައެވެ.