އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާ ޤާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރެވޭ އިސްލާހެއް ހިމެނޭ ގޮތަށް އެ ޤާނޫނަށް އިސްލާހުތަކުގެ ޑްރާފްޓް ކަރުދާސް އެކުލަވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، މިހާރު ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ވާ ގޮތުން ޕާޓީއަކު ޤާނޫނާ ހިލާފު ކަމެއް ކުރުމުން އޮންނަ އަދަބުތަކަކީ އެންމެ އިންސާފުވެރި އުސޫލު ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ޕާޓީއެއް އުފެދެނީ ވަރަށް ގިނަ ބަޔެއްގެ މަސައްކަތުން ކަމަށް ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ޕާޓީތަކުން ޤާނޫނާ ހިލާފު ވުމުން މިހާރު އޮންނަ ގޮތުން ފުރަތަމަ ދެވޭ އަދަބީ އެ ޕާޓީއެއް ޖޫރިމަނާ ކުރުމެވެ. ޖޫރިމަނާ ނުކުރެވިއްޖެނަމަ ދެން އޮންނަނީ ޕާޓީ އުވާލުމެވެ.
”އަޅުގަނޑުމެންގެ ޑްރާފްޓުގައިވާ ގޮތުން ސިޔާސީ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް އޮންނަ މުއްދަތު ތެރޭގައި ކޮންގްރެސް ނުބާއްވައިފިނަމަ އެ ޕާޓީއެއް ސަސްޕެންޑް ކުރާނީ. ދެން އެ ޕާޓީ އަށް ދޭނީ މުއްދަތެއް. އެ މުއްދަތުގައި ބޭއްވޭނީ ހަމައެކަނި ކޮންގްރެސް.“ އަކްރަމް މަޢުލޫމާތު ސާފު ކޮށްދެވިއެވެ.
ޕާޓީއެއް އުވާލުމުގެ ކުރިން ވަކި މުއްދަތަކަށް ޕާޓީ ސަސްޕެންޑް ކުރުމަށް ހުށަހަޅާފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އީސީން އިސްލާހު ކުރަން އަންގާ ކަންކަން ސަސްޕެންޑް ކުރެވޭ މުއްދަތުގައި އިސްލާހު ނުކޮށްފިނަމަ ޕާޓީ އުވާލުމާ ހަމައަށް ފިޔަވަޅު އަޅާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުން ފައިސާ ދޫކުރާ އުސޫލާއި، ސިޔާސީ ޕާޓީތަކުގެ މާލީ ބަޔާން ހުށަހަޅާ އުސޫލަށް ވެސް ބަދަލުތަކެއް ގެންނަން އީސީއިން ޤާނޫނަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ޑްރާފްޓްގައިވެއެވެ.
ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހު ކޮމިޝަނުން އިތުރު ބަދަލެއް ގެންނަން ޖެހޭނަމަ ބަދަލު ގެންނާނެ ކަމަށެވެ.