ބޭންކް އޮފް މޯލްޑިވްސްގެ ހުޅުވާފައިވާ ބައެއް އެކައުންޓުތަކުން އަނެއްކާ ވެސް ނޭނގި ފައިސާ ކެނޑޭ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
މިގޮތަށް ފައިސާ ކެނޑޭ ގިނަ އެކައުންޓުތަކުން މަދުވަނީ 100 ރުފިޔާއަށްވުރެއް ކުޑަ ނުވަތަ އެއަށްވުރެއް މާ ބޮޑު ނޫން އަދަދަކުން ކަމަށް ގިނަ މީހުން ހަމަކުރެއެވެ.
ނަމަވެސް ބައެއް އެކައުންޓުތަކުން ބޮޑެތި އަދަދުތަކުން ފައިސާ ކެނޑެމުން ދެއެވެ.
”ފޮރިން ޕާޗޭސް“ އަކުން އެކައުންޓުން ފައިސާ ކެނޑެ ކަމަށް ބުނެ މިސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް ފަރާތްތަކުން ބުނެއެވެ.
މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ބީއެމްއެލް ކާޑުތަކުން ކުރާ ފައިސާގެ މުއާމަލާތްތަކަށް 2 ފަހަރަށް ފައިސާ ކެނޑޭ މައްސަލައެއް ވަނީ ފެންމަތިވިއެވެ. އެފަހަރު ކެނޑުނު ފައިސާ ބޭންކުން ވަނީ ޖަމާކޮށްދީފައެވެ.
އެކައުންޓުތަކުން ގޮތް ނޭނގޭ ފައިސާ ކެނޑެމުން ދާއިރު މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސުން ފޯރު ކޮށްދީފައިވާ ވިސާ ޑެބިޓް ކާޑުގެ ކަސްޓަމަރުންގެ މަޢުލޫމާތު ލީކުވި ކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.