ޓޫރިޒަމް މިނިސްޓަރ ޑރ ޢަބްދުﷲ މައުސޫމަށް ރުހުން ދިނުމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް އަޙަމަދު އިމާދު އައްޔަނުކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް މިއަދު 02:00 ޖަހާއިރަ މަޖިލީސް ޖަލްސާގައި އެޖެންޑާކޮށްފިއެވެ.
މީގެ އިތުރުން މެންދުރު 02:00 ޖަހާއިރު ބާއްވާ ޖަލްސާގައި ދެން އެޖެންޑާކޮށްފައި ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ޢައްޔަންކުރުމަށްޓަކައި، އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އެ 2 މަޤާމަށް މަޖިލީހުން މެންބަރުން ކަނޑައެޅުމާ ގުޅޭ މައްސަލައެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ ޢަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ މިނިސްޓަރަށް ރުހުން ދިނުމަށް ފެންނަކަމަށް ފާސްކޮށްފަ އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް އަހުމަދު އިމާދު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ވަނީ ފާސްކޮށްފައެވެ.
ބެލެވޭ ގޮތުގައި މިޖަލްސާ ވެގެންދާނީ މިއަހަރުގެ 2 ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާއަށެވެ.