ހެލެތް ޕްރޮޓެކްޝަން އެޖެންސީން ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުން އިތުރަށް ބިކަވަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ޖާބިރު ހުށަހެޅުއްވި މައްސަލާގައި ވަނީ މަގުމަތީގައި އުޅޭއިރު މާސްކް ނާޅާ މީހުން 1،000 ރުފިޔާ ޖޫރިމަނާ ކުރަމުންދާއިރު ދިވެހިންނަށް ފަސޭހައިން މާސްކް ލިބޭނެ ގޮތް ކަނޑައަޅާފައި ނުވާ ކަމަށެވެ.
މި މަހުގެ 4ވަނަ ދުވަހުން ފެށިގެން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރުގައި އުޅުން މަނާކޮށް ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ދުއްވާ އުޅަނދުފަހަރު ދުއްވުން މަނާކޮށް އެ ކަން ކުރާ ފަރާތްތަކުން ޖޫރިމަނާ ކުރަމުން ދާތީ އާއި ތަކުރާރު ކުރާ ފަރާތްތަކުގެ އުޅަނދުފަހަރު ޓޯކުރަމުން ގެންދާތީ ޖާބިރުގެ މައްސަލާގައި ފާޑުވިދާޅުވިއެވެ.
އެ ނިންމުންތަކަށް 14 ދުވަސް ވެގެން ދިޔައިރު ވެސް އެ ނިންމުންތައް މުރާޖައާ ނުކުރާ ކަމަށާއި ކޮވިޑް-19 ގެ ހާލަތުގައި ފިޔަވަޅުތަކަކާއެކު ރައްޔިތުންނަށް އާ އާންމު ހާލަތެއްގައި ދިރިއުޅެވޭނެ މާހައުލެއް ފަހިކޮށްދީފައި ނުވާ ކަމަށާއި ރައްޔިތުންނަށް ދަތިވާނެ ފަދަ ގިނަ ނިންމުންތައް ނިންމަމުންދާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އެޗްޕީއޭއިން މިހާރު އެކުލަވާލާފައިވާ ފިޔަވަޅުތައް ހިމެނޭ ގަވާއިދުތައް އުވާލައި، ރައްޔިތުންނަށް އާ އާންމު ހާލަތެއްގައި ދިރިއުޅޭނެ އަދި ވިޔަފާރިތަކަށް ވިޔަފާރި ކުރެވޭނެ ޖާގަ ލިބޭ އާ ގަވާއިދުތަކެއް އަލުން އެކުލަވާލަން ޖާބިރުގެ މައްސަލާގައި ގޮވާލައްވާފައިވެއެވެ.