ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖެހުމަށް ގޮވައިލި ކޮންޓެންޓު ބްރޯޑްކާސްޓުކުރި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލައި އެ ކަމަށް އެކަށީގެންވާ ޤާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.
މި ސަރުކާރު ނިސްބަތްވާ އެމްޑީޕީން މިހެން ބުނެފައިވަނީ ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖެހުމަށް ގޮވާލައި ޗެނަލް 13 އިން ސެޕްޓެންބަރު 3 ވީ ބުރާސްފަތި ދުވަހުގެރޭގައި ލައިވް ޕްރޮގްރާމެއްގައި ގެނެސްދިން ކޮންޓެންޓުގެ މައްސަލަ އާއި ގުޅިގެންނެވެ.
މި ގޮތުން އެ ޕާޓީން ވަނީ މި ޢަމަލު ކުށްވެރިކުރާކަމަށް ބުނެ އެއްވެސް އިންސާނެއްގެ ޖާނާއި މާލަށް ފުރާނައަށް ގެއްލުންދިނުމަށާއި އެފަދަ ޢަމަލުތައް ހިންގުމަށް ގޮވާލައި ހިތްވަރުދިނުމަކީ އެއްވެސް ޙާލެއްގައި އެ ޕާޓީން ބަލައިގަންނަ ޢަމަލުތަކެއް ނޫންކަމެއް ބުނެފައެވެ. އަދި މިއީ އެއްވެސް ތަޙްޛީބު މުޖުތަމަޢެއްގެ ތެރޭގައި ޤާނޫނީގޮތުން ކުރަން ހުއްދަކުރާކަމެއްވެސް ނޫންކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
މީގެ އެމްޑީޕީއަކީ އިންސާނީ ކަރާމާތާއި ދިރިހުރުމުގެ ހުރުމުގެ ޙައްޤަށް އުނިކަން ލިބޭ ޢަމަލުތަކާއި ދެކޮޅަށް ވަކާލާތުކުރުންކަމަށާއި ސިޔާސީ މަސައްކަތަކީ ގޮށްމުށުގެ ބާރާއި ބިރުދެއްކުމުން ސަލާމަތްވެގެންވާ ބުއްދިއާއި ފިކުރުގެ މައްޗަށް ކުރެވޭ ޢިލްމީ ބަހުސުގެ އިތުރުން ހިންގާ ސުލްހަވެރި ހަރަކާތުންކުރެވޭ މަސައްކަތެއްކަމުގައި ކަނޑައެޅުންކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ވަނީ ތަފާތު ސިޔާސީ ފިކުރުތަކާއި ޚިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަކީ އެ ޕާޓީން އިސްވެ އޮވެ ނުހަނު ޤުރުބާނީއާއި، ބުރަ މަސައްކަތުން ހޯދި ޙައްޤުތަކެއްކަމަށް ވެސް ބުނެފައެވެ. އަދި އެ ޙައްޤުތައް ހިިމާޔަތްކުރުމަށް އަބަދުވެސް އެމްޑީޕީން ދެމިއޮންނާނެކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.