ސިވިލް ސަރވިސް ކޮމިޝަނުގެ(ސީއެސްސީ) ރައީސްކަމަށް މުޙައްމަދު ނާޞިޙު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ނާޞިޙު ޢައްޔަންކުރެއްވުމަށް 68 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.
ނާޞިޙަކީ މީގެކުރިން މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަން އަދާކުރައްވާފައެވެ. މި ގޮތުން ނާޞިޙު ވަނީ 28 އަހަރަށްވުރެ ގިނަދުވަސް ވަންދެން އެ މަޤާމު ފުރުއްވާފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ނާޞިޙު ޢައްޔަންކުރެއްވުމަށް ރުހުންދީފައިވާއިރު އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ޢައްޔަން ކުރެއްވުމަށް މަޖިލީހުން ވަނީ އިބްރާހިމް ރަޝީދަށް ރުހުންދީފައެވެ. އިބްރާހިމް ރަޝީދަށް ރުހުންދީފައިވަނީ 68 މެންބަރުންގެ ތާއީދާއެކުގައެވެ. މީގެއިތުރުން ކޮމިޝަންގައި ތިއްބަވާ މެންބަރުންނަކީ މުޙައްމަދު ފަރުޝަތާއި ފާޠިމަތު ޝަރީފެވެ. މި ދެބޭފުޅުންނާއި ނާޞިހުގެ އިތުރުން އިބްރާހިމް ރަޝީދު މަޤާމުގެ ހުވައިކުރެއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ.