ރައްޔިތުންގެ މަޖިލީހުން ވަޒީފާ އާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ޖޮބް ސެކިއުރިޓީ ގެއްލިގެންދާނެކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން(އެމްއެޗްޕީޔޫ) އިން ބުނެފިއެވެ.
އެމްއެޗްޕީޔޫއިން މިހެން ބުނެފައިވަނީ ސީނިއާ މެނޭޖްމަންޓް ވަޒީފާތަކުގެ %60 ދިވެހިންނަށް މީގެ ފަސް އަހަރު ފަހުން ދޭން ލާާޒިމްކުރާގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހުށަހަޅާފައިވާ އިސްލާހާއެކު ރައްޔިތުން މަޖިލީހުން މިއަދު އެ ބިލް ފާސްކުރުމާއި ގުޅިގެންނެވެ.
މި ގޮތުން އެމްއެޗްޕީޔޫއިން މިއަދު ކުރި ޓްވީޓެއްގައި ވަނީ ވަޒީފާ އާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ޖޮބް ސެކިއުރިޓީ ގެއްލިގެންދާނެކަމަށް ބުނެފައެވެ.
މީގެ އިތުރުން އެމްއެޗްޕީޔޫއިން ވަނީ މިއީ މަސައްކަތް ތެރިންނަށް ކަޅު ދުވަހެއް ކަމަށާއި ހުރިހައި މަސައްކަތްތެރިން އެކުގައި މަސައްކަތް ކޮށް މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ގޮވާލާފައެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލް މިއަދު ފާސްކުރުމާއެކު ގިނަބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި މި ބިލް ތަސްދީޤުކުރާތާ ފަސްއަހަރުން ފަހުން މިއަށް އަމަލުކުރާއިރު ރައީސް ޞާލިޙްގެ ޒަޢާމަތް ވެސް އޮންނާނީ ނިމުމަކަށް ގޮސްފައެވެ.