ކޮވިޑް-19 އަށް އިތުރު 98 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ކޮވިޑް-19 އަށް އިތުރު 98 މީހުން ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އެޗްޕީއޭއިން ބުނީ މި އެންމެންނަކީ ވެސް ހޮނިހިރު ދުވަހުގެ ހަވީރު 18:00 އިން ފެށިގެން މިއަދުގެ އެ ވަގުތާއި ހަމައަށް ޕޮޒިޓޮވްވެފައިވާ މީހުންކަމަށެވެ.
މި ގޮތުން އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ 78 ދިވެހިންގެ އިތުރުން 26 ބިދޭސީންކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނިގޮތުގައި އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 87 މީހުންނާއި ރާއްޖޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވާ 11 މީހުންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 98 މީހުން ޕޮޒިޓިވްވެފައިވާއިރު ބަލިޖެހުނު މީހުންގެތެރެއިން އިތުރު 114 މީހުން ވަނީ ރަނގަޅުވެފައެވެ. މި ގޮތުން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 5936 އަށް އަރާފައެވެ.
އެހެންކަމުން މިހާރު ފަރުވާދެމުން އަންނަނީ 2613 މީހުންނަށެވެ. އަދި އޭގެތެރެއިން 147 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ޖުމްލަ 8584 އަށް އިތުރުވެފައިވާއިރު މި ބަލި ޖެހިގެން 29 މީހަކު ނިޔާވެފައިވެއެވެ.