ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ދަރަނި 73.9 ބިލިއަނަށް އަރާއިފިއެވެ.
ޖޫން މަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެތެރޭގެ ދަރަނި 36 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު ބޭރުގެ ދަރަނި 37.7 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. އަދި ގެރެންޓީދީފައިވާ ދަރަނީގެ އަދަދު 16.6 ބިލިއަނަށް އަރައެވެ.
ރާއްޖޭއިން ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގައެވެ. މިއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓެވެ.
ރާއްޖޭގެ ދަރަނި އިންތިހާއަށް މަތިވަމުންދާއިރު ދަރަނި ނުދެއްކޭނެ ހާލަތަކަށް ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
މި އަހަރު 12 ފަރާތެއްގެ އަތުން ސަރުކާރުން ވަނީ ލޯނު ނަގާފައިވާކަން ތަފާސް ހިސާބުތަކުން ހަމަވެއެވެ.