ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކޯވިޑް 19 ގެ ބަލިމަޑުކަން ހަލުވި ކަމާއި އެކު ފެތުރެމުން ދިޔަ ނަމަވެސް މިހިނގާ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން ކޭސްތަކުގެ އަދަދު މަދުވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓު ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ، ފުރަބަންދަށް ވަރަށް ބޮޑަށް ލުއި ދީ އަންދާޒާކުރި ވަރަށް ވުރެ ވެސް ބޮޑަށް މާލެ ސަރަހައްދުގައި ބަލި ފެތުރިފައިވާ ކަމަށެވެ. އަދި ލުއިތައް ދިނީ އާއްމުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރާނެ ކަމުގެ އުއްމީދާ އެކުގައި ނަމަވެސް ބަލި ކޮންޓްރޯލްކުރަން އާއްމު ދިރިއުޅުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނޭޅުނު ކަމުގެ ކަންބޮޑުވުން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
”މާލެ ސަރަހައްދުގެ ހާލަތު ދަންނަވަންޏާ މިހާރު މިއޮތީ ވަރަށް ބޮޑަށް ފެތުރިފައި. ތަންކޮޅެއް ކުރިން އޮގަސްޓް މަހު އަޅުގަނޑު ޝެއާ ކޮށްލިން ޕްރޮޖެކްޝަންސްތަކެއް. އެސްޓިމޭޓް ކުރެވެޔޭ ސެޕްޓެމްބަރު ފަހުކޮޅު، ޓްރެޖެކްޓެރީއަކަށް ގޮސްފައި ދެން ތިރިވާނެއޭ. އެހެންވީމާ އަދި މި ލެވެލްގައި ދުވަސްކޮޅަކު ހިފަހައްޓާނެ. މި މަހުގެ ފަހުކޮޅަށް އަންދާޒާ ކުރެވެނީ ދަށްވާން ފަށާނެ ކަމަށް“ ޝީނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަދަދު މަދުކުރުމުގެ ބާރު އޮތީ އާއްމު ފަރުދުންގެ އަތުގައި ކަމަށާއި، އެޗްޕީއޭގެ އެންގުންތަކާއި، ސިއްހީ މާހިރުންގެ އިރުޝާދު ތަކަށް ބޯލަނބާނަމަ މިކަމުން އަރައި ގަތުން ފަސޭހަ ވާނެ ކަމަށެވެ. އަދި މިގޮތަށް އާއްމު ފަރުދުން ކަންކަން ކުރާނަމަ ބަލި ކޮންޓްރޯލް ކުރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން މިފަހަކަށް އައިސް ބައްޔަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ ކޮންމެ 24 ގަޑިއިރަކަށް ބަލާނަމަ 100 އިން މަތީގައެވެ. އަދި މިހާތަނަށް ރާއްޖެއިން މިބަލީގައި 29 މީހަކުވަނީ ނިޔާވެފައެވެ.