ކެރެލާގެ އެންބިޔުލެންސް ޑްރައިވަރެއް ކޮވިޑް-19 ޖެހިފައިވާ ބަލި މީހަކު ރޭޕުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
108 އެންބިޔުލެންސް ގުރޫޕަށް ނިޞްބަތްވާ މި ޑްރައިވަރު މި އަންހެން ކުއްޖާ ރޭޕު ކޮށްފައިވަނީ ކެރެލާގެ ހޮސްޕިޓަލަކަށް މި ކުއްޖާ ގެންދިޔުމުގެ މަގުމަތީގައެވެ. އަދި މި ކަން ހިނގާފައިވަނީ ޓްރިވެންޑްރަމް އާއި 100 ކިލޯމީޓަރު ދުރުން އޮންނަ ޕަތަނަމްތިއްޓާގައެވެ.
ޕަންޑަލަމް ޕޮލިހުންނާއި ހަވާލާދީ ނޫސްވެރިންނަށް މަޢުލޫމާތު ދެމުން އެ ޕޮލިސް ސްޓޭޝަންއިން ބުނެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މި ކަން ހިނގިއިރު އިތުރު އަންހެނެއްވެސް މި ކުއްޖާއާއި އެކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އިތުރު އަންހެން މީހާ ވަނީ އެހެން ހޮސްޕިޓަލަކަށް ލާފައި ކަމަށާއި، ޑްރައިވަރު އެ އަންހެން ކުއްޖާ ރޭޕު ކުރަން އުޅެފައިވަނީ އޭގެ ފަހުން ކަމަށް މަޢުލޫމާތު ދީފައިވެއެވެ.
19 އަހަރުގެ މި އަންހެން ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި، މި ޑްރައިވަރު ވަނީ ހުސް ބިމެއް ކައިރީ މަޑުކުރުމަށް ފަހު އެ އަންހެން ކުއްޖާ ރޭޕު ކޮށްފައިކަމަށް ޕޮލިހަށް ހުށަހެޅި މައްސަލައިގައިވެއެވެ. މި މައްސަލައާއި ގުޅިގެން ނައުފަލް ނަމަކަށް ކިޔާ މި ޑްރައިވަރު ވަނީ 108 އެންބިޔުލެންސް ސާރވިސަސްއިން ވަކިކޮށްފައެެވެ.
ކެރެލާގެ ހެލްތު މިނިސްޓަރު ކޭކޭ ޝައިލާޖާ ވަނީ ޕޮލިހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މުޅި އިންޑިޔާގައިވެސް ގިނަ ޢަދަދެއްގެ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ދިއްލީގައި ޖުލައި މަހު ދެ މީހަކު ވަނީ ފުރާވަރުގެ ކުޑަ ކުއްޖަކު ރޭޕު ކޮށްގެންވެސް ހައްޔަރުކޮށްފައެވެ. މި ކުއްޖާއަކީ ކޮވިޑް-19 ޖެހިގެން ފެސިލިޓީއެއްގައި އެކަހެރި ކޮށްފައި ހުރި ކުއްޖެކެވެ.