އެމްޑީޕީއަށްޓަކައި ބޭރުގައި މަޑުކޮށްލައްވަންޖެހޭނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުކަމަށް އެ މަނިކުފާނު އަރިހުގައި ކުރިން އިސްކޮށް މަސައްކަތްކުރެއްވި އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން ފަހުމީ މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޛު ފައްޔާޒް އިސްމާޢީލްގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަން ރައީސް ނަޝީދު ފެއްޓެވުމާއި ގުޅިގެންނެވެ.
މި ގޮތުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒާއި ދެކޮޅަށް 30 ސޮއި ލިބިލައްވާފައިވާކަމަށާއި އިތުރު 05 ސޮއި ހޯއްދަވައި 35 ސޮއި ހަމަކުރެއްވުމަށްފަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި އެމްޑީޕީގެ ޤައުމީ މަޖިލީހަށް މައްސަލަ ހުށަހަޅުއްވަން ނިންމާަވާފައިވާކަމަށެވެ. އަދި މިނިސްޓަރު ފައްޔާޒް ވެސް ޕާޓީއަށްޓަކައި ދުވަސްކޮޅަކު ބޭރުގައި މަޑުކުރެއްވަން އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދުދެއްވައި އަލްހާން ވިދާޅުވީ އެމްޑީޕީއަށްޓަކައި ބޭރުގައި މަޑުކޮށްލައްވަންޖެހޭނީ ރައީސް ނަޝީދު ކަމަށެވެ. އަދި އެ ޕާޓީގެ ލީޑަރޝިޕުން ފެއަށް ޖައްސާލަންޖެހެނީ ރައީސް ނަޝީދުކަމަށާއި ޕާޓީން ފެއަށް ޖެހިވަޑައިގަންނަވާނީ މިނިސްޓަރު ފައްޔާޒެއް ނޫންކަމަށެވެ.
ދާދި ފަހަކަށްއައިސް އަލްހާން ގެންދަވަނީ އެމްޑީޕީއަށާއި ރައީސް ނަޝީދަށް ފާޅުގައި ފާޑު ކިޔުއްވަމުންނެވެ. މި ގޮތުން އަލްހާން ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ
އެމްޑީޕީއަށް މެޖޯރިޓީ ގެއްލުނީކަމަށާއި މިހާރު އޮތީ މެޖޯރިޓީ ފަޅިފަޅިއަށް ފެޅިފައިކަމަށް ވިދާޅުވެފައެވެ. އަދި
އެމްޑީޕީގެ އެތެރޭގެ ސިޔާސީ ކޯޅުން ބޮޑުވެގެން އުޅެނީ ރައީސް ނަޝީދު “ބޮޑުވަޒީރުކަން“ ބޭނުންފުޅުވާތީކަމަށް ވެސް އަލްހާން ވިދާޅުވެފައިވެއެވެ.