ގދ.ހޯނޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ޢަދަދު 111 އަށް އިތުރުވެއްޖެއެވެ.
އެޗްއީއޯސީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވަނީ އެ ކަން ކަށަވަރުކޮށްދެއްވާފައެވެ. މި ގޮތުން ޑރ.ނަޒްލާ ވިދާޅުވީ ހޯނޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވި 21 މީހުންގެ ކޮންޓެކްޓުންގެ ޢަދަދު މިހާރު 111 އަށް އިތުރުވެފައިވާކަމަށެވެ.
މީގެ އިތުރުން އެ މީހުންގެ ތެރެއިން ޢަލާމާތްތައް ފެނިފައިވަނީ 65 މީހުންގެ ކިބައިންކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ހޯނޑެއްދޫން 19 މީހަކު ޕޮޒިޓިވްވެފައިވަނީ މި މަހުގެ 05 ވަނަ ދުވަހުގައެވެ. އޭގެ ކުރިން ވަނީ 02 މީހަކު ޕޮޒިޓިވްވެފައެވެ. މިކަމާއި ގުޅިގެން އެ ރަށުން ޕޮޒިޓިވްވި 19 މީހުންނާއި ކޮންޓެކްޓުވި މީހުން އެ ރަށުގައި ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ގުޅައި މަޢުލޫމާތު އެޗްއީއޯސީން އެދިފައިވަނީ 5 ވަނަ ދުވަހުގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިން ޓީމުގައި ހިމެނޭ އާމިނަތު އަރުޝާ ވިދާޅުވީ ހޯޑެއްދޫން ޕޮޒިޓިވްވި 02 މީހުންނާއި އެ މީހުންގެ ކޮންޓެކްޓުންގެތެރެއިން ޕޮޒިޓިވްވެފައިވާ 19 މީހުންނާއި ކޮންޓެކްޓްވި 46 މީހަކު އޭރު ފާހަގަކުރެއްވުނުކަމަށެވެ.