ފުއްޕާ މޭގެ ކެންސަރާއި ހަނގުރާމަ ކުރަމުންދާ އިންޑިއާގެ މަގުބޫލު ފިލްމީ ތަރި ސަންޖޭ ދަތު ކީމޯ ތެރަޕީގެ ފުރަތަމަ ބައި ފުރިހަމަ ކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ ސަންޖޭ، ފަރުވާގެ ފުރަތަމަ ބުރު ކާމިޔާބުކަމާ އެކު ނިންމައިލުމާ އެކު، ދެވަނަ ބުރުގެ ފަރުވާ މިއަދު ނޫނީ ބުދަ ދުވަހު ފަށާނެ ކަމަށް ރިޕޯޓު ތަކުން ބުނެއެވެ. އަދި ރިޕޯޓްތައް ބުނާގޮތުން 61 އަހަރުގެ އެކްޓަރު ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖްގަ އެވެ. މީގެ ކުރިން ސަންޖޭ ވަނީ ފަރުވާ ހޯދުމަށް އެމެރިކާއަށް ދިއުމަށް ވެސް ނިންމާ އެގައުމުގައި އުޅުމަށް 5 އަހަރު ދުވަހުގެ ވިސާވެސް ނަގާފައެވެ. ނަމަވެސް އޭނާގެ ހާލު ގޯސްވާން ފެށުމުން އިންޑިއާގެ ހޮސްޕިޓަލުން އެނާ ވަނީ ފަރުވާ ހޯދަން ފަށާފައެވެ.
ސަންޖޭ އަށް ކެންސަރު ޖެހުމާ އެކު އޭނާ ވަނީ ފަރުވާ އަށް ވަގުތު ހުސްކުރުމުގެ ގޮތުން ފިލްމީ މަސައްކަތްތައް ވެސް ހުއްޓާލައިފަ އެވެ. މަސައްކަތްތަކާ ދުރުވި އިރު، ފަސް ފިލްމެއްގެ މަސައްކަތް ނުނިމި އެބައޮތެވެ. ސަންޖޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި ”ސަޅަކް 2“ އެވެ.
މީގެ އިތުރުން ”ބޫޖް: ޕްރައިޑް އޮފް އިންޑިއާ“ އާއި ”ތޯރްބާޒް“ އާއި ”ޕްރިތުވީރާޖް“ އަކީ އޭނާ އަތުގައި ހުރި ފިލްމު ތަކެކެވެ. ނަމަވެސް މި ފިލްމު ތަކުގެ ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވަނީ އޭނާ މުޅިން ބަލިން ރަނގަޅުވުމުން ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.