މާލޭގައި ފެން ރައްކާ ކުރާ އިތުރު 2 ތާނގި ބެހެއްޓުމުގެ މަސައްކަތް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީގެ ”ވޯޓާ ސެކިއުރިޓީ ޕްލޭން“ މަޝްރޫޢުގެ ދަށުން ކުރިއަށްގެން ފަށައިފިއެވެ.
އަލަށް ބަހައްޓާ 2 ތާނގި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ކުރީގެ މާލޭގެ 378 ނަމްބަރ ކޮށީގައެވެ.
މިއީ މާލޭގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެން ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ބަހައްޓާ 2 ތާނގިކަމަށް އެކުންފުނިން ހަމަކުރެއެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، ކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ފެން ފޯރުކޮށް ދިނުމަށް ޓަކައި ޕަމްޕް ރޫމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ބަހައްޓާ 2 ތާނގީގައި ޖުމްލަ 27,296 ކިޔުބިކް މީޓާ ފެން ރައްކާ ކުރެވޭނެކަމަށް އެކުންފުނިން ހަމަކުރެއެވެ.
މާލޭ ސިޓީގައި ފެން ރައްކާކުރެވޭ ޖުމްލަ މިންވަރު 50,296 ކިޔުބިކް މީޓަރަށް މި މަސައްކަތް ނިމުމުން އިތުރުވެގެން ދާނެއެވެ.
ޖުމްލަ 82 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރާ މި މަސައްކަތްތައް ނިންމާލުމަށް ތާވަލު ކުރެވިފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށެވެ.