ބޭންކް އޮފް މޯލްޑިވްސް ކޮމިޔުނިޓީ ފަންޑުގެ ދަށުން ހއ. ކެލާ ސްކޫލް ކުރިމަތީގައި ބެލެނިވެރިން ތިބުމަށް ހިތް ފަސޭހަ މައިޒާނަކާއި ބައިސްކަލްތައް ޕާކު ކުރުމަށް ހާއްސަ ޖާގައެއް ތަރައްޤީ ކޮށްފިއެވެ.
ކެލާގެ އައިޑިއާސް ޖަމްއިއްޔާ އިން ބޭންކުގެ އެހީތެރިކަމާއެކު ނިންމި މި މައިޒާނާށް އެ ޖަމިއްޔާއިން ދީފައިވާ ނަމަކީ ’ކެލާ ސްކޫލް ފިނި ޕާކް‘ އެވެ.
ސްކޫލް ކުރިމަތީގައި ހުރި ހިޔާ ބޮޑު ގަސްތަކުގެ ބޭނުން ހިފައި މިވަނީ ބެލެނިވެރިން އިށީނދެގެން ތިބުމަށް ބެންޗުތަކެއް ވަނީ ބަހައްޓާފައެވެ. އަދި ސްކޫލްއަށް އަންނަ ދަރިވަރުން ބައިސްކަލް ޕާކުކޮށްފައި ބެހެއްޓުމަށް ވަކި ހާއްސަ ޒޯނެއް ކަނޑައަޅައި އެ ސަރަހައްދުވަނީ ހިޔާކޮށް ތަރުތީބުން ބައިސްކަލް ޕާކުކުރެވޭނެ ގޮތްވެސް ހަމަޖައްސާފައެވެ.
”ކޮމިއުނިޓީ ފަންޑުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް ބޭންކުން މިދަނީ އެހީތެރިވަމުން. އައިޑިއާސް ޖަމިއްޔާއިން ކެލާގައި މި ނިންމި ޕްރޮޖެކްޓަކީ ރަށުގެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ފަސޭހަތަކެއް ހޯދައިދެވުނު އަދި ހަމަ އެހެންމެ ތިމާވެށްޓާ ރަށްޓެހި ޕްރެޖެކްޓެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ކެލާގެ ރައްޔިތުން ބަލައިގަންނާނެ ޕްރޮޖެކްޓަކަށް ވެގެން ދިޔުން.“ ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސައީދު ވިދާޅުވިއެވެ.

”ބައިސްކަލްގައި ކުދިން ސްކޫލަށް ގޮވައިގެންދާ ބެލެނިވެރިންވެސް އަދި ސްކޫލް ދަރިވަރުންވެސް ސްކޫލަށް ވަނުމުގެ ކުރިން ތިބެންޖެހެނީ ކޮޅަށް، ބައެއްފަހަރު އަވިދޭ ގޮތަށް. މީގެ އިތުރުން ބައިސްކަލް ޕާކް ކުރުމަށް ވަކި ސަރަހައްދެއް ނެތުމުން އެކި ދިމަދިމާލުގައި ބައިސްކަލް ޕާކްކޮށްފައި ބަހައްޓާ. އަޅުގަނޑުމެން ވިސްނީ މިފަދަ ޕްރޮޖެކްޓަކުން ދޭ މާލީ އެހީއަށް ބަލާއިރު މިއީ ރަށަށް މިވަގުތަށް އެންމެ ބޭނުންވާ އެއް ކަމެއްގެ ގޮތުގައި. އެގޮތުން ސްކޫލު ސަރަހައްދުގައި ހުރި ގަސްތަކުގެ ބޭނުން ހިފައި ބެލެނިވެރިންނަށް ހިޔާ ވެވޭނެ ބެންޗުތަކެއް ބަހައްޓަައި އަދި ބައިސްކަލްތައް ބެހެއްޓުމަށް ހާއްސަ ޕާކިންގެ އޭރިއާއެއް ހަދަން ނިންމީ އަޅުގަނޑުމެންގެ ތެރޭކުރެވުނު މަޝްވަރާތަކަށްފަހު. މި ޕްރޮޖެކްޓަށް ރަށުގެ ރައްޔިތުންނާއި ޖަމިއްޔާގެ ގިނަ މެންބަރުންގެ އެހީތެރިކަން ލިބިގެން ދިޔަ. މި ފުރުސަތުގައި ބީއެމްއެލްއަށާއި އެހޭތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. މަސައްކަތް އެއްކޮށް ނިންމާލެވި، އައިޑިއާސްގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީތީ ވަރަށް އުފާކުރަން،“ އައިޑިއާސްގެ އޮފިޝަލަކު ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 9 ސެޕްޓެމްބަރު 2020 އާ ހަމަޔަށް ވަނީ ހުޅުވާލެވިފައެވެ. މި ފިޔަވަހީގެ ދަށުން 5 ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.