ފެންނަމުންދަނީ ވަކި ބަޔަކުގެ ފަހަތުން ސަރުކާރުގެ މެޝިނަރީ އުޅޭތަން ކަމަށާއި ކޮންމެ ކަމެއްގައި ވެސް އޮތީ “ސިލެކްޓިވް ޖަސްޓިސް“ ކަމަށް ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިފަދައިން ވިދާޅުވީ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު މިއަދު ހަވީރު ފުލުހަށް ހާޒިރުވެވަޑައިގަތުމަށް އެންގެވުމުންނެވެ.
މި ގޮތުން ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު ތަންފީޒު ކުރުމުގައި ތަފާތު ނުކުރުމަކީ ދިވެހި ރައްޔިތުން ގެނައި އެންމެ ބޮޑު އިސްލާޙުކަމަށެވެ. އަދި ޖުމްހޫރިއްޔަތު ގެނައީ ރަސްކަމުގައި އޮންނަ އުސޫލު ކަމުނުދާތީކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ ފެންނަމުންދަނީ ވަކި ބަޔަކުގެ ފަހަތުން ސަރުކާރުގެ މެޝިނަރީ އުޅޭތަން ކަމަށެވެ. އަދި ހަމައެއާއެކު ކޮންމެ ކަމެއްގައި ވެސް އޮތީ “ސިލެކްޓިވް ޖަސްޓިސް“ ކަމަށާއި އެއީ ވެރިކަން ނިމިއްޖެ ކަމުގެ ދަލީލެއްކަމަށެވެ.
“ކޮންމެ ކަމެއްގައި ސިލެކްޓިވް ޖަސްޓިސް. ތިއީ ވެރިކަން ނިމިއްޖެ ކަމުގެ ދަލީލެއް.“ (ޖަމީލް)
ޖަމީލް ވަނީ ސަރުކާރުގެ އެންމެ އިސް ވާޖިބަކީ އަމާނާތްތެރިކަމާއެކު ޤައުމު ހިންގުން ކަމަށާއި ނަމަވެސް ކޮވިޑާ ގުޅިގެން ވެސް ފެންނަނީ ހުސް ޚިޔާނާތްކަމަށާއި ދަރަނި މައްޗަށް ގޮސް ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާކަމަށް ވެސް ވިދާޅުވެފައެވެ.