އިންޑީއާގެ އަސްކަރީ ދެ މަތިންދާ ބޯޓު މިއަދު ހަނިމާދޫގައި ޖައްސާފިއެވެ.
ހަނިމާދޫގައި އެބޯޓުތައް ޖައްސާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ވަނީ މީސްމީޑިއާގައި ދައުރުވާން ފަށާފައެވެ. އަދި އެއިން އެއް ވީޑިއޯއެއް ހިއްސާ ކުރައްވަމުން ނައިފަރު ދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު ޝިޔާމް ވަނީ މަތިންދާ ބޯޓު ޖައްސާ އިރު އެކަމުގެ މައުލޫމާތު އެއްވެސް އިދާރާއަކަށް ނޭނގޭ ކަމަށާއި، އެބޯޓުތައް ދަތުރު ކުރަމުންދަނީ ރާއްޖޭގެ ދިފާއީ ބާރުގެ ރާޑަރުތަކަށް ނުފެންނަހާ ތިރިން ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާ އިންޑިއާގެ އަސްކަރީ މީހުން ހަނިމާދޫއަށް ފޭބުމަށްވެސް ހަމަޖެހިފައިވާކަމަށާއި، މިކަމުގެ މައުލޫމާތު ވެސް އެޗްޕީއޭއަށް ނޭނގޭ ކަމަށެވެ. އަދި އެރަށަށް އިންޑިއާ އަސްކަރީ ސިފައިން ދާކަން ރަށު ކައުންސިލަށް އަންގާފައިވަނީވެސް އެދާއިރާގެ މަޖިލީސް މެމްބަރުކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މިވަގުތުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާގެ ސިފައިން ގިނަ އަދަދަކަށް ޤާއިމްވެގެން އެބަތިއްބެވެ. މިގޮތުން އައްޑޫސިޓީ ގައި އަދި ލ.ކައްދޫގައި އިންޑިއާ ސިފައިން ތިބެއެވެ. އެއީ އިންޑިއާ އިން ރާއްޖޭގައި ބޭނުން ކުރަމުންދާ ހެލިކޮޕްޓަރާއި އެކު ތިބޭ ސިފައިންނެވެ. އެ ހެލިކޮޕްޓަރުތައް ދުއްވަން ދިވެހިން ތަމްރީނު ކުރާނެ ކަމަށް އިންޑިއާ އިން ބުނިނަމަވެސް މިހާތަނަށް އެކަން ކޮށްފައިނުވެއެވެ.
މީގެ އިތުރުން، ހައިޑްރޯގްރަޕީ ހެދުމަށްވެސް އިންޑިއާ ސިފައިންނާއި ހަވާލުކޮށް ރާއްޖޭގެ ކަނޑުމަތީގައިވެސް އިންޑިއާ ސިފައިން ހަރަކާތްތެރިވެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ރާޑަރު ހަރުކޮށް، އެ ރާޑަރުތައް ބެލެހެއްޓުމުގައިވެސް އިންޑިއާ ސިފައިން ހަރަކާތްތެރިވެއެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ އެންމެހާ ސިފައިންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާއިރު، ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިންގެ ޖުމްލަ އަދަދުވެސް ސަރުކާރުން ވަނީ ހާމަކުރަން ދެކޮޅުހަދާފައި ކަން ފާހަގަކޮށްލެވެއެވެ.