ކުރީގެ ފްރެންޗް އޯޕެންގެ ޗެންޕިއަން، އޭޝްލީ ބާޓީ މިފަހަރުގެ މުބާރާތުގައި ނުކުޅުމަށް ނިންމައިފިއެވެ.
ދުނިޔޭގެ ރޭންކިންގްއިން އެއްވަނައިގައިވާ އަދި މިދިޔަ އަހަރުގެ ޗެމްޕިއަން މި ފަހަރުގެ މުބާރާތް ދޫކޮށްލާފައިވަނީ، ކޮވިޑް-19 ގެ ބިރުވެރިކަމާއި ހެދިއެވެ. އޭނާ ބުނެފައިވަނީ، މުބާރާތް ދޫކޮށްލަން ޖެހޭތީ ހިތާމަ ކުރާ ކަމަށާއި، ނަމަވެސް، އޭނާ ގެ ސިއްޙީ ޙާލަތާއި، އޭނާގެ ޢާއިލާގެ ސިއްޙަތު މާ މުހިންމު ކަމުގައެވެ.
”މިދިޔަ އަހަރުގެ ފްރެންޗް އޯޕެން އަކީ އަހަރެންގެ ޙަޔާތުގައިވެސް ކުޅުން އެންމެ ހަނދާނުން ފޮހެލަން ދަތި މުބާރާތް. އެއީ އެންމެ މުހިންމު އެއް މުބާރާތް. އެހެންކަމުން، މި ފަހަރުގެ މުބާރާތް ނުކުޅުމަށް ނިންމުން އެއީ އެހާ ފަސޭހައިން ނިންމުނު ނިންމުމެއް ނޫން“ އޭނާ މީސްމީޑިޔާގައި ބުނެފައިވެއެވެ.
އޭނާ ބުނެފައިވަނީ މި ނިންމުން ނިންމުމުގައި ދެ ސަބަބެއް ވެއެވެ. އެއް ސަބަބަކީ ކޮރޯނާ ވައިރަހެެވެ. އަދި އަނެއް ސަބަބަކީ، އޭނާ މި މުބާރާތަށް ތައްޔާރު ވުމުގައި އޮސްޓްރޭލިއާގެ ބޯޑަރު ބަންދުކޮށްފައި ވުމުގެ ސަބަބުން، އޭނާގެ ކޯޗާއި ނުލާ ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހުމެވެ.
އޭނާ ވަނީ ޖުލައި މަހުގައި ޔޫއެސް އޯޕެންގައިވެސް ނުކުޅޭނެކަމަށް އިޢުލާންކޮށްފައެވެ. އޭނާ އާއި އެކު ޓެނިހުގެ ދުނިޔޭގައި މަޝްހޫރު ތަރިން ކަމަށްވާ ރަފާ ނަޑާލް އަދި ސިމޯނާ ހައެލްޕްވެސް ވަނީ މިފަހަރުގެ ބަލިމަޑުކަމާއިއެކު ނުކުޅޭނެކަމަށް ބުނެފައެވެ.