ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް 03 ބޭފުޅުން މިއަދު ޢައްޔަންކުރައްވައިފިއެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަންކުރައްވާފައިވަނީ ސ.ފޭދޫ/ޑޯރެންސީވިލާ، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި މ.ޖިއެނާ، މުއުމިނާ ވަޙީދުގެ އިތުރުން މއ.މާވެޔޮގެ، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ތިން ބޭފުޅުން ވަނީ ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާކުރައްވާފައެވެ. މި ތިން ބޭފުޅުންނަށް ވެސް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

މި 03 ބޭފުޅުންގެތެރެއިން އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤު އެންމެ ފަހުން ހުންނެވީ އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައެވެ. މުއުމިނާ ވަޙީދު އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޮންސަލްޓަންޓެއްގެ މަޤާމުގައެވެ. އޭގެ އިތުރުން ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯ ގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ.