މިއަދު ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ޖެއްސި އިންޑިއާ އަސްކަރިއްޔާގެ 2 މަތިންދާ ބޯޓު ދިވެހިރާއްޖެއަށް އައިސްފައި ވަނީ އިމިގްރޭޝަނުން ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން ކަމަށް އިމިގްރޭޝަނުން ހަމަކުރައްވައިފިއެވެ.
ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އިމިގްރޭޝަންގެ ހުއްދައަކާ ނުލައި އަސްކަރީ މަތިންދާ ބޯޓް ޖެއްސިކަމަށް ބުނެ ބައެއް މީޑިއާތަކުން ޙަބަރު ފެތުރުމާ ގުޅިގެން އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ވަނީ އެ މަތިންދާ ބޯޓު ހަނިމާދޫ އެއާޕޯޓަށް ޖައްސާފައިވަނީ އިމިގްރޭޝަނަށް އެނގިގެން ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.
”މި އުޅަނދަށް އިމިގްރޭޝަންގެ ކްލިއަރެންސް ދީފައި ވަނީ އިމިގްރޭޝަނަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް، ހޯދަން ޖެހޭ ހުއްދަތައް ހޯދައިފައިވުމުންނެވެ.“ އިމިގްރޭޝަންގެ ޓުވީޓުގައިވެއެވެ.
އިންޑިއާގެ އަސްކަރިއްޔާގެ 2 މަތިންދާ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރި ކަމަށް ތުހުމަތުކޮށް ބަޔަކު ހައްޔަރުކޮށް ފޮޓޯއާއި ވީޑިއޯ ޑިލީޓްކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ޙަބަރު ފަތުރައިފައެވެ.
ބޯޓުގެ ފޮޓޯ ނެގި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައަކާއި ގުޅިގެން އެއްވެސް ފަރާތަކާ ފުލުހުން އެއްވެސް ކަހަލަ މުއާލަމާތެއްކޮށްފައި ނުވާ ކަމަށާއި އެއް ވެސް މީހަކު ފުލުހުން ހައްޔަރު ކޮށްފައި ވެސް ނުވާނެ ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށް އިންޑިއާގެ އަސްކަރިއްޔާގެ 2 މަތިންދާ ބޯޓު ރާއްޖެ އައިސްފައިވެއެވެ.