އިތުރު 3 ރަށަކަށް އެމްބިއުލާންސް ފޮނުވާފައި ވަނީ ރަށްރަށުގައި އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެދަށުންނެވެ.
ހެލްތް މިނިސްޓްރީން އެމްބިއުލާންސް މިފަހަރު ފޮނުވާފައިވާ 3 ރަށަކީ…
1- ހއ.ކެލާ
2- ގއ.ދާންދޫ
3- ގދ.ހޯޑެއްދުއަށެވެ.
މީގެ އިތުރުން ހޯޑެއްދޫގައި ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުގެ ޞިއްޙީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތްވެސް ހެލްތް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.
އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތަކީ އާއްމުން ޞިއްޙީ ޚިދުމަތް ހޯދުމަށް އުފުލަންޖެހޭ ތަކުލީފްތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ.
އެގޮތުން މީގެކުރިން އެމްބިއުލާންސްގެ ޚިދުމަތް ލިބެންނެތް 4 ރަށް ކަމަށްވާ ބ.ފޮޅަދޫ ފެހެންދޫ، ކިހާދޫގެ އިތުރުން ށ. ނޫމަރާއަށް މި މަޝްރޫޢުގެ ދަށުން އެމްބިއުލާންސް ފޮނުވާފައިވެއެވެ.
ޖަޕާނު ސަރުކާރުން ރަށްރަށަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތަށް އެހީވުމަށް މިދިޔައަހަރުގެ ފަހުކޮޅު 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކުރިއެވެ.