އިދިކޮޅު ކޯލިޝަނުން މިދިޔަ މަހު މާލޭގައި ބޭއްވި އެއްވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ނެރެފައިވާ ގައިޑްލައިން އާއި ހިލާފު ވިކަމަށްބުނެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް 1000 ރުފިޔާއިން އެމަނިކުފާނު ޖޫރިމަނާ ކުރީ ސިޔާސީ ބޭނުމެއްގައި ކަމަށާއި، އެއްވުމުގައި އެޗްޕީއޭގެ ގައިޑް ލައިންއާއި ހިލާފު ނުވާކަމަށް ރާއްޖޭގެ ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު ވަނީ އެއްވުމުގައި ގަވައިދާއި ހިލާފަށް އަމަލުކުރި ކަމަށްބުނެ މީގެ ކުރިން ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. ނަމަވެސް އެދުވަހު އެމަނިކުފާނު ވިދާޅުވީ، ޖަވާބު ދެވޭނީ ވަކީލުންނާއި އެކު ކަމަށެވެ. ފުލުހުން ވަނީ އެދުވަހު އެފުރުސަތު އެމަނިކުފާނަށް ދެއްވާ ވަކީލުންނާއި އެކު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ. އަދި ފުލުހުންގެ އިދާރާއަށް މިއަދު އެމަނިކުފާނު ހާޒިރުވުމުން އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވެފައިވާކަމަށް ބުނެ އެމަނިކުފާނު ވަނީ 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
ވަކީލުންނާ އެކު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ރައީސް ވަހީދު ވިދާޅުވީ ޖޫރިމަނާ ކުރި ނަމަވެސް ގަވާއިދާ ހިލާފުވެފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެއީ ސިޔާސީ ގޮތުން ކުރި ޖޫރިމަނާއެއް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ، ގަވައިދާއި ހިލާފުވި މައްސަލައިގައި ޖިނާއީ ދައުވާ ނުކުރަން ފުލުހުން ނިންމާފައިވާ ކަމަށެވެ.
”އަޅުގަނޑު މާސްކު އަޅައިގެން ހުރީ، ދެން އަޅުގަނޑު ވާހަކަ ދެއްކި ވަގުތުގައި މާސްކު ތިރި ނުވެއެކޭ ނުދަންނަވަން. އެހެންނަމަވެސް އަޅުގަނޑު ހުރީ އިމާރާތުގެ ތެރޭގައި، މަގުމައްޗަކަށް ވެސް ނުނިކުންނަން، ޕޭވްމަންޓާ ހަމައަށް ނިކުތް އިރު ވެސް މާސްކު އަޅައިގެން ހުންނާނީ.މީގައި އާންމު މީހަކާ އަޅުގަނޑާ، އޮތް ތަފާތަކީ އަޅުގަނޑަކީ ސިޔާސީ މީހަކަށް ވާތީ، ސިޔާސީ ބަޔަކު އެއްވެގެން އުޅޭ ތަނެއްގައި އަޅުގަނޑު ސިޔާސީ ވާހަކައެއް ދެއްކީމަ އެ މައްސަލަ ބޮޑުވެގެން މި އުޅެނީ“ އެމަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމްގެ އެއްވުމުގައި މާސްކު ނާޅައި ބަލި ފެތުރޭ ގޮތަށް އަމަލުކުރި މައްސަލައިގައި ރައީސް ވަހީދު ޖޫރިމަނާކުރި އިރު އެ ޕާޓީގެ ބައެއް އެހެން ބޭފުޅުން ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ.