ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާކަމަށާއި، އެމަނިކުފާނުގެ މިލްކީޔާތުގައި ބިލިއަނަކަށް ވުރެއް ގިނަރުފިޔާގެ މުދާ ހުރިކަމަށް، އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން އާއްމު ކޮށްފައިވާ އެމަނިކުފާނުގެ މާލީ ބަޔާނުގައި ބުނެފައިވަނީ، މި އަހަރު ފެށުނީއްސުރެ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެމަނިކުފާނަށް އާމްދަނީގެ ގޮތުގައި، 9.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. އެފައިސާ އެމަނިކުފާނަށް ލިބިފައިވަނީ މަޖިލީހުގެ މެމްބަރުކަމުގެ މުސާރައިގެ އިތުރުން އެމަނިކުފާނުގެ ބައެއް ކުންފުނިތަކުގެ ނެޓް މުސާރައިންނެވެ.
މީގެ އިތުރުން އެމަނިކުފާނަށް މާފަންނުވިލާ ގުދަނާއި ފުޅޮއި ގަރާޖު ކުއްޔަށް ދީގެން، 1.7 މިލިޔަން ރުފިޔާ ލިބިވަޑައިގެންނެވި އިރު، ކުންފުނިތަކާއި ޕާޓްނަޝިޕްގެ ހިއްސާގެ ފައިދާއިން 188،000 އަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންނެވި ކަމަށް މާލީ ބަޔާނުގައި ވަނީ ބުނެފައެވެ.
އޮޑިދޯނި ފަހަރާއި އެއްގަމު އުޅަނދުތަކަށް ބަލާއިރު، ގާސިމްގެ މިލްކިއްޔާތުގައި ތިން ކާރު އޮވެ އެވެ. އެއީ 1.3 މިލިޔަން ރުފިޔާގެ ބީއެމްޑަބްލިއު ކާރަކާއި ހަމަ އެ އަގަށް ގަނެފައިވާ މާސިޑީޒް ބެންޒް ކާރަކާއި އަށް ލައްކަ ރުފިޔާއަށް ގަނެފައިވާ ޕިއުގޮޓް ބްރޭންޑްގެ ކާރެކެވެ. އަދި ގާސިމްގެ ނަން މަތީގައި 24 ކުންފުންޏެއް ހިންގަވާއިރު، އޭގެ ތެރޭގައި ވިލާ އެއާ، ޓްރާންސްޕޯޓު، ވިލާ ހަކަތަ އާއި ވިލާ ޝިޕިން، ހޮލިޑޭސް، އެޑިއުކޭޝަން ހިމެނެ އެވެ. އަދި ހޮރައިޒަން ފިޝަރީޒް އާއި މީޑިއާނެޓާއި އައިލެންޑް އެންޓަޕްރައިސަސް ފަދަ ކުންފުނިތަކުގެ ޗެއާމަނަކީ ވެސް އޭނާ އެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ވިލާ ޝިޕިން ފެށުނީއްސުރެ މިހާތަނަށް 21 މިލިޔަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށް މާލީ ބަޔާނުގައި ބުނެފައި ވެ އެވެ. ލޯނުތަކުގެ ބޮޑުބައެއް އަދި ނުދައްކާވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.