ހއ، އަތޮޅު މަނަފަރު ރިސޯޓުން ވަޒީފާ އަދާކުރަމުންދިޔަ 80 މުވައްޒަފުން މަގާމުން ވަކިކޮށް ގެއަށް ފޮނުވާލާފިއެވެ.
މަނަފަރުން ވަޒީފާއިން ވަކިކުރު މުވައްޒަފުންނަކީ ކޯވިޑް 19 ގެ ސަބަބުން މުސާރަ ކުޑަކޮށް ރަށަށް ފޮނުވާލައިފާވާ ބައެއް ފަރާތްތަކެވެ. އަދި ވަޒީފާއިން ވަކި ކުރި 80 މީހުންގެ ތެރެއިން 70 މީހުންނަކީ ދިވެހިންނެވެ. މި މުވައްޒަފުންނަކީ އެއަތޮޅު ދިއްދޫ އާއި އިހަވަންދޫ އަދި ހޯރަފުއްޓަށް ނިސްބަތްވާ މުވައްޒަފުންނެވެ.
ރިސޯޓުގައި މަސައްކަތް ކުރަމުން އައި މުވައްޒަފަކު ބުނެފައި ވަނީ، އެމީހުން ކޮވިޑް-19 އާއި ގުޅިގެން ރަށަށް ފޮނުވާލިއިރު، މިމަހުގެ އެއް ވަނަ ދުވަހު އަނބުރާ ރިސޯޓަށް ދިއުމަށް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުއްލި ގޮތަކަށް ވަޒީފާއިން މިހާރު ވަކި ކޮށްފައިވާ ކަމުގެ ލިޔުން އެންމެންނަށް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ކުއްލިއަކަށް މިހާ ގިނަ ބަޔަކު އެއްފަހަރާ ވަކި ކުރުމުން އެކަމުގެ ޝަކުވާ އެޗްއާރް އާއި ހިއްސާ ކުރުމުންވެސް އެކަމަށް ޖަވާބެއް ދީފައިނުވާކަމަށް އެމީހާ ވަނީ ބުނެފައެވެ.
”ބޮޑަށް ބެލެވެނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބޭއްވި ވޯޓު ލުމުގައި 21 ވަނަ މާއްދާ ފާސްވުމާއި ގުޅިގެން، ރިސޯޓު މީހުންނަށް އެފުރުސަތު ލިބިގެން ކުރި ކަމެއް ކަމަށް. މިއީ ވަރަށް ދެރަ ކަމެއް. ކޮންމެ މީހަކީވެސް އާއިލާއެއް ގެންގުޅޭ އާއިލާ ބެލެހެއްޓުމުގެ ޒިންމާ އޮންނަ ބައެއް. މިއީ ވަރަށް ބޮޑު ގެއްލުމެކޭ އަޅުގަނޑު ބުނާނީ“ އޭނާ ބުންޏެވެ.
މިކަމާއި ގުޅިގެން ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލޭ) ވިދާޅުވީ، އެއް ދުވަސް ތެރޭ ހަމައެކަނި ހޯރަފުއްޓަށް ނިސްބަތްވާ68 މުވައްޒަފުން މަނަފަރު ރިސޯޓުން ވަކި ކުރުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
މިއީ 68 އާއިލާއަށް ލިބުނު ބޮޑު ނިކަމެތި ކަމެއް ކަމަށާއި، ވަޒީފާއިން ވަކި ކުރިއިރު، ހާލަތު ރަނގަޅު ވަންދެން ކުޑަ އުޖޫރައެއްގައި ދެމިތިބެންވެސް އެ މީހުން ތިބީ ރުހިގެން ކަމަށް ސައްލޭ ވިދާޅުވިއެވެ.
މަނަފަރު ރިސޯޓުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރިއިރު ދާދިފަހުން ހއ. އަތޮޅުގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމުގެ އަރިހަށް ވަޑައިގެން އެ މައްސަލާގައި [ރިސޯޓު މުވައްޒަފުންނަށް ދިމާވެފައިވާ ދަތިތަކާއި] ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.