ގދ. ހޯނޑެއްދޫއިން ފައްސިވި ދެމީހެއްގެ ހާލު ގޯސްވެ ދެމީހުނަށް ފަރުވާ ދިނުމަށް ގއ. ވިލިގިލީ ގައި ގާއިމްކޮށްފައިވާ ކޯވީޑް ފެސިލިޓީއަށް ބަދަލުކޮށްފިއެވެ.
ހޯނޑެއްދޫއިން މިހާތަނަށް މިބައްޔަށް ފައްސިވެފައި ވަނީ 25 މީހެކެވެ. މިއީ މިބަލީގައި ފައްސިވެފައިވާ މީހުންގެ އަދަދު މާލެ ފިޔަވާ އެންމެ ގިނަ ރަށްކަންވެސް ފާހަގަކޮށްލެވެއެވެ. ފައްސިވި 30 މީހުންގެ ތެރެއިން މީގެ ތެރެއިން 21 މީހަކު ފައްސިވެފައި ވަނީ ރަށު ތެރެއިން ވަކި ތަރުތީބެއް ނެތި ނެގި ސާމްޕަލް ނުވަތަ ސުންކު ތަކުނެނެވެ.
ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، ހޯޑެއްދޫން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ (ހައި ރިސްކް ކެޓަގަރީގައި ހިމެނޭ)ދެ މީހަކު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު، ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
އާބާދީގެ ގޮތުން 1،314 މީހުން ދިރިއުޅެމުން އަންނަ ހޯނޑެއްދޫން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ ހަތަރު މީހުންނެވެ. އެއީ ގޭގައި ކަރަންޓީންވެފައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން، ރަށު ތެރެއިން ނެގި ސާމްޕަލްތަކުން ދެ މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އެއާއެކު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފައެވެ.
އޭގެ ފަހުން ހޮނިހިރު ދުވަހު އެރަށުން 19 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. މިއާއެކު އެރަށާއި ކޯޒްވޭއަކުން ގުޅާފައިވާ މަޑަވެލިވެސް މޮނީޓަރިންގއަށް ލިއެވެ.