2 ވަނަ ދައުރަކަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމަށް އަލީ ރަޝީދު އިންތިޚާބުކޮށްފިއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު 15 ކްލަބަކާއި 272 މެމްބަރުންނަށް ލިބުނެވެ. ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ހޮވުނު ޢަލީ ރަޝީދު އާއި ޝިއުރީގެ ޕެއާ އިން ވަނީ ކުރިމަތިލެއްވި އެހެން ހުރިހާ މަޤާމްތައް ކާމިޔާބުކޮށްފައެވެ.
ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިޔަށްދިޔަ ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބުގައި ތޯހާ ސަލީމާއި ވާދަކޮށް ޢަލީ ރަޝީދު ރައީސްގެ މަޤާމު ދިފާއު ކުރީ 155 ވޯޓު ހޯދައިގެންނެވެ.
ތޯހާ ސަލީމަށް ލިބިވަޑައިގަތީ 80 ވޯޓެެވެ. ނައިބު ރައީސްގެ މަޤާމަށް ހޮވިވަޑައިގެންނެވީ ޢަލީ ރަޝީދުގެ ޓީމުގައި ހިމެނޭ އިބްރާހިމް ޝިއުރީއެވެ. ޝިއުރީއަށް 165 ވޯޓު ލިބުނެވެ.
މީގެ އިތުރުން ހަޒާންދާރުގެ މަޤާމަށް ހޮވުނު އަޙުމަދު ޝާޒިލަށް 152 ވޯޓު ލިބުނުއިރު، ކުލަބު މެންބަރަކަށް ހޮވުނު ޖާދުﷲ ހަސަނަށް ވަނީ 12 ވޯޓު ހޯދާފައެވެ.
ފަރުދީ އަންހެން މެންބަރުގެ މަޤާމަށް ހޮވުނު އައިޝަތު ސަމާހަތު ބިންތި ފިރާގަށް 143 ވޯޓު ލިބުނުއިރު، ފަރުދީ ފިރިހެން މެންބަރުގެ މަޤާމަށް ހޮވުނު އައްޒާމް އިބްރާހިމަށް ވަނީ 154 ވޯޓު ލިބިފައެވެ. އެސޯސިއޭޓް މެންބަރަކަށް ހޮވުނު އިސްމާއިލް ޝުޖާއުއަށް ވަނީ 144 ވޯޓު ލިބިފައެވެ.
2006 ވަނަ އަހަރު ޓީޓީ ކުޅުން ހުއްޓާލުމަށް ފަހު ދެ އަހަރު ދުވަހު އެސޯސިއޭޝަންގެ އިދާރީ މަސައްކަތުގައި އުޅުމަށް ފަހު ޢަލީ ރަޝީދު ވަނީ 2008 ވަނަ އަހަރުން ފެށިގެން ޓީޓީގެ ނައިބު ރައީސްގެ މަގާމް އަދާކޮށްފައެވެ.
ޢަލީ ރަޝީދުގެ ރައީސްކަމުގައި ރާއްޖޭގެ ޓީޓީ ވެގެންގޮސްފައިވަނީ ކުޑަ ދުވަސްކޮޅެއްތެރޭ އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅިވަރަށެވެ.
ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބުގައި އެސޯސިއޭޝަންގެ ރައީސްކަމަށް އަލީ ރަޝީދާ ވާދަކުރި ކުރީގެ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ ފަރާތުން މި އިންތިޚާބު ފަސްކޮށްދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށެހެޅި ނަމަވެސް ކޯޓުން އަމުރު ނެރެދީފައެއް ނުވެއެވެ.
ޓީޓީ އިންތިޚާބުގެ މައްސަލަ ސިވިލް ކޯޓުން ބަލަން ފެށުމާއެކު 3 ވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ ރާއްޖޭގެ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން އިން ވަނީ ދީފައެވެ.